ފުލުހުންނަކީ މިހާރަށް ވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ރައްޔިތުންނާ މުއާމަލާތު ކުރާ ބަޔަކަށް ވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުރިހާ ފުލުހުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބެއްގައި ވިދާޅުވީ، ފުލުހުން އެ ބޭފުޅުންގެ މަސައްކަތުގައި އުޅޭއިރު ގާނޫނުގެ ބާރަށް ވުރެ، ހިނިތުންވުމާއި އޯގާތެރި ކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވުމަށް ވެސް އެދިވަޑައިގަންނަވަ ކަމަށެވެ.

ރައީސްގެ ހިތާބު ފައްޓަވަމުން ވަނީ އެ މުނާސަބަތުގައި، ފުލުހުންގެ ކަންކަމާ ހަވާލުވެ ތިއްބެވި އިސްވެރިންނާއި ހުރިހާ ރޭންކްތަކެއްގެ ފުލުހުންނަށާއި ފުލުހުންގެ ތެރޭގައި ތިބި އެހެން މުވައްޒަފުންނަށް ވެސް އެކަނިކުފާނުގެ އިހްލާސްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މިއަހަރުގެ ފުލުހުންގެ ދުވަސް މި ބައްދަލުކުރަނީ، ދިވެހި ގައުމާއި ރައްޔިތުންގެ ހިދުމަތުގައި، ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި، މުހިއްމު ގައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައި ކަން ފާހަގަ ކުރައްވައި، ފުލުހުންގެ ހިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ހިދުމަތް ކުރުން ކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ކޮވިޑް-19ގެ ނުރައްކަލުން، ދިވެހިރާއްޖެ ރައްކާތެރި ކުރުމަށް ކުރާ ގައުމީ މަސައްކަތުގައި، ނުރައްކަލާ ކުރިމަތިލައިގެން، ކުރީ ސަފަށް ނުކުމެ ފުލުހުން ކުރާ މަސައްކަތް ފާހަގަކުރައްވައި އެއީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވި ފަހުން މިވީ 16 އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެ ކަން ފާހަގަކުރައްވައި އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ، ރައްޔިތުންނާ ގާތުން ހިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ މަސައްކަތް ކާމިޔާބުކުރުމަށް، ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ މި ފަސް އަހަރަށް އެކުލަވާލާފައިވާ، އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒު ވެގެން އަންނަ އިރު، ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް، ފުލުހުންގެ މުއައްސަސާއަށް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން، ފުލުހުންގެ ހިދުމަތް ހަރުދަނާވެ، ފުލުހުންގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެން ދާނެކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަ ގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު ހޯދައި ދިނުމަށް، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމު ކޮށްދީ، ސުލްހަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރު ހޯދައި ދިނުމަށްޓަކައި، މުޖްތަމައުގައި ހިންގާ ކުށުގެ އެންމެހައި ޢަމަލުތައް މަދުކުރުމަށް، ފުލުހުން މިހާރަށް ވުރެ މުހިއްމު ދައުރެއް އަދާކުރަން ޖެހޭކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭގައި ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނު ކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް، ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަ ކުރައްވަމުން ފުލުހުން ކުރާ އެ މުހިއްމު މަސައްކަތުގެ ނަތީޖާ ފެންނާނީ، ވަށައިޖެހިފައިވާ ނިޒާމެއްގެ ގޮތުގައި، ހުރިހާ މުއައްސަސާތަކެއް އެކުއެކީގައި އެއް މިންވަރަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ހަމަ އެހެންމެ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް، ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް، ފުލުހުންގެ މުއައްސަސާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރެވޭކަން، ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ، ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ހުރިހާ ފުލުހުންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގަންނަވާ މުހިއްމު އެދިވަޑައިގެންނެވުމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ހިތާބު ނިންމަވާލައްވާފައި ވަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް، ސިއްހީ ހިދުމަތްތެރިން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާލުން ދިނުމަށާއި، ވީ އެންމެ އަވަހަކަށް އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި، މިދުވަސްކޮޅު ގޭގައި މަޑުކޮށްދިނުމަށް ދިވެހި ރައްޔިތުންނަށް ވެސް އިލްތިމާސް ކުރައްވާފައެވެ.