ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން އިމިގްރޭޝަންގެ މައްޗަށް އަމުުރެއް ނެރެފިއެވެ.

ކުރެއްދޫ ރިސޯޓުގެ އަންހެން ޑޮކްޓަރުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމަނިލް ކޯޓުން ނެރުނު އަމުރުގެ ކޮޕީ އެއް "ދަ ޕްރެސް" އަށް ވަނީ ލިބިފައެވެ.

މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއިކުރައްވާ ނެރުއްވާފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކުރެއްދޫ ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް (ކޮވިޑް-19) ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައި ވާއިރު، އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރިފައިވާ ކަމަށެވެ.އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާ އެކި ގޮތް ގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް އަމަލުކޮށް އިހުމާލުވެފައިވާ ކަމަށް އެ ރިސޯޓުގެ ޑޮކްޓަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށްވެސް އެ އަމުރުގައި ވެއެވެ.

އެހެންކަމުން މައްސަލައިގެ ތަހުގީގު ނުނިމެނީސް އެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ގޮސްފާނެކަމަށް ބެލެވޭތީ، އޭނާގެ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އިމިގްރޭޝަނަށް އަމުރުކޮށްފައެވެ.

އެގޮތުން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އިމިގްރޭޝަނަށް ފޮނުވި ކޯޓު އަމުރުގައިވެއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ ރިސޯޓުން ކަމަށް ވާއިރު، އެއީ އިޓަލީގެ ފަތުރުވެރިއެއްކަން ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އިޓަލީގެ ޓޫރިސްޓް ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަނީ ފަށާފައެވެ. ރިސޯޓް މެނޭޖްމަންޓަށް އެކަން އެނގި ސިއްރުކުރީތޯ ވެސް އެ ތަހުގީގުގައި ބަލާނެ ކަމަށް ފުލުހުން ބުނެއެވެ.