ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށްޓަކައި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު ދުނިޔޭގެ އާބާދީގެ ބިލިއަނަކަށްވުރެ ގިނަ މީހުންނަށް މިއަދު މަޖުބޫރުވެފައި ވަނީ ގެތަކުގައި މަޑުކުރުމަށެވެ. މިއާއެކު އެންމެ ޑިމާންޑް ބޮޑުވެގެން ދިޔަ އެކައްޗަކީ ވީޑިއޯ ކޮންފަރެންސިންގް އެޕްލިކޭޝަން "ޒޫމް" އޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

"ޒޫމް"ވެފައިވަނީ އެތައް މިލިއަން ބައެއްގެ އޮފީހަށެވެ. ނުވަތަ އިޖުތިމާއީ ގުޅުން ބަދަހިކޮށްލަން ޖަމާވާ ސައިހޮޓާ ނުވަތަ ހޮޅުއަށްޓަކަށެވެ.

ކަންމިހެން އޮތްއިރު ބޮޑެތި ގައުމުތަކުން މިހާރު ސަރުކާރު ހިންގަމުންދަނީވެސް މި އެޕް މެދުވެރިކޮށެވެ. އެގޮތުން އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެވަޑައިގެން އެކަން އިއުލާންކުރެއްވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ޒޫމް އެޕް ބޭނުން ކުރައްވައިގެން ވީޑިއޯ ކޮންފަރެންސް އެއް ކުރިއަށް ގެންދަވާ މަންޒަރުތަކެއް ވަނީ އާންމުވެފައެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، މި އެޕްލިކޭޝަނަކީ ގައުމެއްގެ ސަރުކާރާ ދައުލަތް ހިންގުމަށް ބޭނުންކުރަން ހަމަ އެންމެ ރަނގަޅު ނުވަތަ އެންމެ ރައްކާތެރި ޕްލެޓްފޯމްތޯ ކުރެވޭ ސުވާލެވެ.

ޖޯންސަންގެ ފޮޓޯ އާންމުވުމާއެކު އިނގިރޭސިވިލާތުގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ. ދިފާއުގައި ތެދުވީ އެގައުމުގެ ދިފާއީ ވުޒާރާއެވެ. އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ބުނީ، ހައި-ސެކިއުރިޓީ މަޝްވަރާތަކެއް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ނުހިނގާނެ ކަމަށާ، އެ އެޕްލިކޭޝަން ބޭނުން ކުރަމުންދަނީ ސަރުކާރު ތެރޭގައި ކޮށްލަންޖެހޭ ކުދިކުދި މަޝްވަރާތައް ކުރުމަށް، ޗެޓްރޫމެއްގެ ގޮތުގައި ކަމަށެވެ.

މި ފާޑުކިއުންތަކަކަށް ޒޫމްއަކަށް ކެތެއް ނުވިއެވެ. ޒޫމްއިން ބުނާ ގޮތުގައި ޝައްކު އުފައްދަންވީ އެއްވެސް ޖާގައެއް އެ އެޕްލިކޭޝަންގައި ނޯންނާނެ ކަމަށެވެ. ޒޫމްއިން ބުނީ އެޕްލިކޭޝަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި މާލީ އިދާރާތަކާ، ކުންފުނިތަކާ، ޓެލެކޮމް ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާ ޔުނިވާސިޓީތައް ހިމެނޭ ގޮތަށް 2000 އަށްވުރެ ގިނަ ހައިޕްރޮފައިލް މުއައްސަސާއިން ބޭނުންކުރަމުންދާ އެޕްލިކޭޝަނެއް ކަމަށެވެ. މީގެ ތެރޭގައި ޓެލެމެޑިސިންއާއި ސިއްހަތާ ގުޅޭ އެނޫންވެސް ހައްސާސީ މުއާމަލާތްތައް ކުރުމަށް އެއެޕްލިކޭޝަން ބޭނުންކުރާކަން ޒޫމްއިން ފާހަގަކުރެއެވެ.

ޒޫމްއިން ބުނާހާ އެޕް ރައްކާތެރިތަ؟

ޒޫމްގެ މާޒީއަށް ބަލާއިރު މި ސުވާލު އުފެއްދިދާނެ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، ބައްދަލުވެއް ކުރިއަށް ދަނިކޮށް 'ބިދޭސީ'އަކު އެ ބައްދަލުވުމުގެ ބައިވެރިން ރިމޫވްކުރުމާ، އެކައުންޓް ބޭނުން ކުރަމުންދާ ފަރާތްތަކުގެ ނަމުގައި ފޭކު މެސެޖު ފޮނުވުމާ، ހިއްސާކުރާ ސްކްރީންތައް ހައިޖެކްކުރުމާ، މެކް ސިސްޓަމް މެދުވެރިކޮށް ޒޫމް ބޭނުން ކުރާ ކަސްޓަމަރުންނަށް އެނގުމަކާ ނުލާ ކޯލުކުރުން ކަހަލަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

މިމައްސަލަތައް ހައްލުކޮށްފައިވީ ނަމަވެސް، ޓެކްނޮލޮޖީ ތަޖުރިބާކާރުން އަދިވެސް ޖެހުލުންވެއެވެ. އެގޮތުން މި ދުވަސްވަރު ޒޫމް ބޭނުން ކުރަމުންދާ ގިނަ މީހުންނަކީ އެ އެޕްލިކޭޝަނަށް އާ މީހުން ކަމަށްވުމީ، އެކަށީގެންވާ ރައްކާތެރި މިންގަނޑުތަކަކަށް ސެކިއުރިޓީ ސެޓިންގްސް ހަދަން ނޭނގޭ މީހުންނަށް ވުމަކީވެސް އެކަށީގެންވާކަމެވެ. އެހެންވެއްޖަނަމަ އަނެއްކާވެސް އެޓޭކަރުންނަށް އެލިބުނީ ރަނގަޅު ފުރުސަތެކެވެ.

ހަމަ މިފަދައިން ޓާމްސް އެންޑް ކޮންޑިޝަންވެސް ކިޔާ ނުލާ ހެޔޮފާހަގަ ހިޔާރު ކުރާ މީހުންގެ މައްސަލައަކީ އަނެއް މައްސަލައެވެ.

ޒޫމްއައީ ކޮންތާކުން؟

"ޒޫމް" އަކީ ގޭތެރެއަށް އާންމު ނަމަކަށްވީ ކޮވިޑް-19ގެ ލޮކްޑައުންއާ ގުޅިގެންނޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ނަމަވެސް ޓެކްނޮލޮޖީގެ ދުނިޔޭގައި މި އެޕްލިކޭޝަން މަގުބޫލުކަން ހޯދަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ހިއްސާގާ ބާޒާރުގައި މިދިޔަ އަހަރު ޒޫމް ލިސްޓުކުރިއިރު ކުންފުނީގެ އަގު 15 ބިލިއަން ޑޮލަރުގައި ލިސްޓުކުރިއިރު، މިހާރު މިއަދަދު ވަނީ 38.5 ބިލިއަން ޑޮލަރަށް އުފުލިފައެވެ.

ވީޑިއޯ ކޮންފަރެންސް އެޕްލިކޭޝަން "ޒޫމް"ގެ ބާނީ އެރިކް ޔުއާން/ފޮޓޯ: ޒޫމް

"ޒޫމް"އަކީ ޗައިނާގެ ސޮފްޓްވެއާ އިންޖިނޭރެއް ކަމަށްވާ އެރިކް ޔުއާންގެ ފަރުމާއެކެވެ. 2011 ވަނަ އަހަރު، އުމުރުން އެންމެ 27 އަހަރުގައި ޔުއާން ފަރުމާ ކުރި "ޒޫމް" ވެގެންދިޔައީ ސްކައިޕް ފަދަ އެޕްލިކޭޝަންތަކުގެ މަގުބޫލުކަން ފަނޑުކޮށްލި އެޕަކަށެވެ.

"ޒޫމް" ބޭނުންކުރާކަށް ފީއެއް ދައްކާކަށް ނުޖެހެއެވެ. ނަމަވެސް 3 މީހުންނަށްވުރެ ގިނައިން ބައިވެރިން ތިބިގެން ހިންގާ ކޮންމެ ބައްދަލުވުމެއްވެސް އެންމެ ގިނަވެގެން ކުރިއަށް ގެންދެވޭނީ 40 މިނެޓަށެވެ. އަދި "ޒޫމް" ވިންޑޯގެ މަންޒަރުތައް ރެކޯޑްކުރާނަމަ އެޑްމިނިސްޓްރޭޓަރަށްވެސް އެ މަންޒަރުތަކަށް އެކްސެސް އޮވެއެވެ.