ކޮވިޑް19 އާ ގުޅިގެން އެކި ގައުމުތަކުގައި ތިބި މީހުން އަނބުރާ ގެންދިއުމަށް ކުރާ މަސައްކަތުގައި ރަޝިޔާގެ އޭރޯ ފްލައިޓުތަކުގެ ތެރެއިން ރާއްޖެއަށް ފޮނުވާ ފްލައިޓުތަކުގައި ރަޝިޔާއަށް ނިސްބަތްވާ ރައްޔިތުން ނޫން އެހެން ގައުމެއްގެ ބަޔަކު އެ ފްލައިޓަށް ނޭރުވުމަށް އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.

އެގައުމުގެ ސަރުކާރުން މިގޮތަށް އަންގާފައި މިވަނީ އިއްޔެ ރާއްޖެއަށް ފޮނުވި އޭރޯ ފްލައިޓުން ދަތުރުކުރި އިޓަލީގެ ދެ މީހަކަށް ކޮވިޑް19 ޖެހިފައިވުމާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އޭރޯ ފްލައިޓުގެ އެޖެންޓެއް "ދަޕްރެސް" އަށް މިއަދު ވިދާޅުވީ އެ ވާހަކައަކީ ތެދެއް ކަަމަށާއި ރަޝިޔާ ރައްޔިތުން ނޫން އެހެން އެއްވެސް ގައުމެއްގެ މީހުން ފްލައިޓަށް ނޭރުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން އެ ފްލައިޓުން ދަތުރު ކުރެވޭނީ ރަޝިޔާގެ ރައްޔިތުންނާއި ކައިވެނި ކޮށްގެން އުޅޭ މީހުން އެކަނި ކަމަށެވެ.

މި ދެ މީހުންނަކީ ރާއްޖޭގައި ކަރަންޓީންގެ މުއްދަތު ވެސް ނިންމާފައި ދިޔަ ދެ މީހުންނެވެ. އެ ދެ މީހުންނަށް ކޮވިޑް19 ޖެހިފައިވާކަން ހާމަކުރީ އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ރާއްޖެއިން ފުރައިގެން ދިޔަ ދެ މީހުން ޕޮޒިޓިވް ވެފައި ވާކަން ހާމަ ކުރަމުން ކަމާބެހޭ ފަރާތްތަކުން ބުނީ އެ ދެ މީހުން މިހާރު ދަނީ އިޓަލީއަށް ދަތުރު ކުރަމުން ކަމަށެވެ. މި މީހުން ޕޮޒިޓިވް ވެފައި ވާކަން އެނގިވަޑައިގަތީ، ހައި ރިސްކް މީހުންގެ ސާމްޕަލް ނަގާ އުސޫލުން މި ދެ މީހުން ފުރައިގެން ދިއުމުގެ ކުރިން ސާމްޕަލް ނަގާ ޓެސްޓު ކުރުމުން ކަމަށެވެ.

އެ 2 ފަތުރުވެރިން ފުރައިގެން ދިއުމުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވި ތޯ ނުވަތަ ނޫންތޯ އުފެދުނު ސުވާލަށް ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އާންމުކޮށް ކަރަންޓީނުގައި ތިބޭ 14 ދުވަސް ހަމަކޮށް ދޫކޮށްލާ އެންމެންގެ ސާމްޕަލް ނަގާ ޓެސްޓް ކުރާ އުސޫލެއް ނޯންނަ ކަމަށެވެ. އެހެން ކަމުން އިއްޔެ ފުރައިގެން ދިޔަ 2 މީހުންގެ ސާމްޕަލަކީވެސް ކޮންމެހެން ނަގަން ޖެހޭ ސާމްޕަލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއަދު ޕޮޒިޓިވް ވި ކަން އެނގުނު ދެމީހުންގެ ސާމްޕަލް ނެގީ، ކަރަންޓީނުގައި ތިބޭ މީހުންގެ ގައިން ރެންޑަމްކޮށް ސާމްޕަލް ނަގާ އުސޫލުން ކަމަށެވެ. އަދި އެ 2 މީހުން ޕޮޒިޓިވް ވި ކަން، އެމީހުން ފުރިފަހުން އެނގުމަކީ މިހާރު އަމަލު ކުރަމުން އަންނަ އުސޫލު މުރާޖައާ ކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.

މަބްރޫކުގެ ވާހަކައަށް ބާރު ދެއްވަމުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުކު ވިދާޅުވީ، އެ 2 މީހުން ފުރައިގެން ދިއުން ބަލައިގަންނަނީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ކަމަށާ، އެކަން އެހެން ދިމާވުމުން މިހާރު އަމަލު ކުރަމުންދާ އުސޫލުތައް ހަރުދަނާ ކުރަން ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ.