ރާއްޖޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 16 އަށް އަރަފިއެވެ. މިވަގުތު ފަރުވަ ދެމުން ދަނީ 5 މީހަކަށެވެ.

ސަރުކާރުގެ ފަރާތުން ތަފްސީލު ހާމަ ކުރަމުން ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖޭގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 16 އަށް އެރީ، އައިލަންޑް ސަފާރީގައި ތިބެފައި މިއަދު ފުރައިގެން ދިޔަ އިޓަލީގެ 2 ފަތުރުވެރިއަކާއި، އިނގިރޭސި ވިލާތުން ރާއްޖެއައި ކުއްޖަކު ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 16 އަށް އެރިއިރު، މިއަދު ފުރައިގެން ދިޔަ އިޓަލީގެ ދެމީހުން ދިއުމުގައި 14 ދުވަހުގެ ކަރަންޓީނު ހަމަވެފައި ވާކަމަށް ސަރުކާރުގެ ފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް އައިލަންޑް ސަފަރީ ކަރަންޓީނަށް ގެނައިކަން ސަރުކާރުން އިއުލާނު ކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފަށައިގެން 14 ދުވަސް ގުނާނަމަ މިއަދަށް ވަނީ 12 ދުވަހެވެ.

މި މައްސަލައިގައި މަބްރޫކު ވިދާޅުވީ، އައިލަންޑް ސަފާރީ މޮނިޓަރިންގެ ކަންތައް 13 ވަނަ ދުވަހު ފެށުނު ކަމަށާއި، ފުރައިގެން ދިޔަ ދެމީހުން ދިޔައީ 14 ދުވަހުގެ މުއްދަތު ހަމަކޮށްފައި ކަމަށެވެ.

މިއަދު ދިވެއްސަކު ޕޮޒިޓިވް ކަމަށް ހެލްތު މިނިސްޓަރު އިއުލާން ކުރެއްވި އިރު، އޭނާ ޕޮޒިޓިވް ވީ މިދިޔަ ބުދަދުވަހު އެވެ. ނަމަވެސް އެދުވަހު މިކަން އޮތީ އިއުލާން ނުކޮށެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ، އޭނާ ޕޮޒިޓިވް ވުމުން މިހާރު ކޮންޓެކްޓް ޓްރޭސިން ނުވަތަ އޭނާ ބައްދަލުވި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި، އޭނާ ރާއްޖެ އައި ފުލައިޓުން އިތުރު ދިވެހިންވެސް ރާއްޖެ އައެވެ. އެގޮތުން އޭނާ ގައިގާ އެބަލި ހުރެ ނޭނގި ކަރަންޓީނު ފެސިލިޓީއާ ހަމައަށް ދިޔަ އިރު، އޭނާ ދަތުރު ކުރި ގޮތާއި، ލޯންޗެއްގައި ދިޔަނަމަ އޭގައި ތިބި ބަޔަކާއި، ލޯންޗާއި އެނޫންވެސް ތަނެއްގައި އޭނާގެ އަތްޖެހިފައި ވޭތޯއާއި، އަތް ޖެހުނު ތަނެއްގައި އެހެން މީހަކަށް އަތް ލެވުނުތޯވެސް ބަލަން ޖެހޭ ކަމަށް ގަބޫލު ކުރެވެއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 16 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 1 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 9 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ.