ކޮވިޑް-19އާ ގުޅިގެން ކަރަންޓީނު ކޮށްފައި ވާ ދެމީހަކު ކަރަންޓީނު މުއްދަތު ނިންމާފައި ފުރި ފަހުން ޕޮޒިޓިިވް ވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އެ ދެމީހުންނަކީ އިޓާލީ ދެ މީހުން ކަމަށެވެ.

ރާއްޖެއިން ފުރައިގެން ދިޔަ ދެ މީހުން ޕޮޒިޓިވް ވެފައި ވާކަން ހާމަ ކުރަމުން ކަމާބެހޭ ފަރާތްތަކުން ބުނީ އެ ދެ މީހުން މިހާރު ދަނީ އިޓަލީއަށް ދަތުރު ކުރަމުން ކަމަށެވެ. މި މީހުން ޕޮޒިޓިވް ވެފައި ވާކަން އެނގިވަޑައިގަތީ، ހައި ރިސްކް މީހުންގެ ސާމްޕަލް ނަގާ އުސޫލުން މި ދެ މީހުން ފުރައިގެން ދިއުމުގެ ކުރިން ސާމްޕަލް ނަގާ ޓެސްޓު ކުރުމުން ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ ކަން ކުރާ އުސޫލަކީ، އެމީހަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކޮށް އައިކަމުގައި ވިޔަސް 14 ދުވަސް ވަންދެން އެ މީހަކު ކަރަންޓީނު ކުރުމެވެ. އަދި 14 ދުވަސް ފަހުން ބަލީގެ އިތުރު އަލާމާތްތަކެއް ނުފެންނަ ނަމަ އޭނާ ދޫކޮށްލުމެވެ. ނަމަވެސް ޕޮޒިޓިވް ވި 2 މީހުންގެ ނަތީޖާއަށް ބަލާއިރު 14 ދުވަހުގެ ކަރަންޓީން މުއްދަތުން ފުދޭތޯ މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

އިޓަލީއަށް ފުރި ފަހުން ޕޮޒިޓިވް ވެފައިވާ މީހުންނަކީ، އައިލެންޑް ސަފާރީގައި ތިބި މީހުންނެވެ. ސަފާރީން ފުރަތަމަ 2 މީހަކު ޕޮޒިޓިވް ވުމުން، އެ ސަފާރީގައި ތިބި އެންމެން ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފައެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ފެނިފައި ނުވުމުން ސަފާރީގައި ތިބި މީހުން ދޫކޮށްލާފައި ވާއިރު، ހައި ރިސްކް މީހުންގެ އިތުރު ޓެސްޓެއް ހެއްދުމަށް ސާމްޕަލް ނަގާފައި ވަނީ، ރިސާޗް ބޭނުމަށެވެ. އަދި މި ސަފާރީގައި ތިބި ބާކީ މީހުން ދިޔަ ތަނެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 14 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 1 ދިވެއްސަކާއި، 13 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 9 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ.