ރިސޯޓުން ފޭބުމުގެ ހުއްދަ ނުދީފިނަމަ، އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނި މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލެތްގެ އެނގުމާ ހިލާފަށް އިއްޔެގެ ވަގުތެއްގައި ވ. ސިނަމަން ވެލިފުށި ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުން ފޭބުމާސް މެޑިކަލް ލެޓާއެއް ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ ލެޓާ ނުދީފިނަމަ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މުވައްޒަފަށް ކަމެއް ދިމާވުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލާގައި ފުލުހުންގ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިސޯޓުން ފޭބުމުގެ ހުއްދަ ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެ ބިރުދެއްކި މުވައްޒަފަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ ހދ. ހަނިމާދޫން ހޮނޑާފުއްޓަށް ދިޔަ މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ، އިއްޔެ ރޭގެ ވަގުތެއްގައި ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ހދ. ހަނިމާދޫގައި ހުރެފައި ހޮނޑާފުއްޓަށް ދިޔަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ހޮނޑާފުއްޓަށް ގޮސްފައި ވަނީ، ހޮނޑާފުށީ މެނޭޖްމަންޓުގެ ހުއްދަ ނެތި ކަމަށެވެ. އަދި އޭނާ ވަނީ ރިސޯޓްގައި ހުރި އޭނާގެ ތަކެތި ހިފައިގެން ހަނިމާދޫއަށް އަނބުރާ ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އޭނާ ހަނިމާދޫއަށް ދިއުމުން، ކޯޓުއަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިިރިހެނަކު ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.