ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ މަގުތައް ވެސް ޑިސްއިންފެކްޓް ކުރަން ފަށައިފިއެވެ.

އައްޑޫހެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފް ސަދަން އޭރިއާއާ އައްޑޫސިޓީ ކައުންސިލް ގުޅިގެން ސަދަން އޭރިއާގެ ސިފައިންނެވެ. މި މަސައްކަތުގެ ތެރެއިން ސިފައިން ވަނީ، މިއަދު ހެނދުނު، ހިތަދޫގެ ބޮޑުމަގު ޑިސްއިންފެކްޓް ކޮށްފައެވެ.

އައްޑޫ ސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވޭތިވެދިޔަ ހަފްތާތެރޭގައި ސިފައިންނާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓް ކޮށްފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގުތަކާއި އެހެނިހެން ސަރަހައްދުތައް ވެސް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން އައްޑޫގެ މަގުތައް ޑިސްއިންފެކްޓް ކުރަނީ / ފޮޓޯ: އެމްއެންޑީޢެފް

ސަރުކާރުން ދަނީ ކޮވިޑް19 އިން ރައްކާތެރި ވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އާންމުން އެއްވެ އުޅުން މަދުކުރުމާއި، ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ރައްކާތެރި ކަމުގެ ފިޔވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން ރާއްޖެ އަންނަ މީހުން ކަރަންޓީނު ކުރުމާއި ޓެސްޓްކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވް ވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.