އާންމު ފަރާތްތަކަށް ފްލައިޓް ޗާޓަރު ނުކުރެވޭ ގޮތް ހަދައިފިއެވެ.

މިކަން އިއުލާން ކޮށްފައި ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައެވެެ. އެ ބަޔާނުގައި ބުނީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ވަކިވަކި ފަރާތްތަކުން ޗާޓާ ކޮށްގެން ދިވެހިން ގެނައުމަށް އެޕަރޭޓް ކުރަން އެދި ހުށަހަޅާ ފްލައިޓަތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، މިހެން ހަމަޖެއްސީ، ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަނބުރާ އަންނަ ހުރިހާ ދިވެހިން ވަކި އުސޫލެއްގެ ތެރެއިން ކަރަންޓީނު ކުރުމަށް ހަމަޖެހިފައި ވާތީ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19އާ ގުޅިގެން އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް ހުއްޓިފައިވާ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ބަލަމުންދާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނެފައިވާއިރު، ރޭ 12:00 އިން ފެށިގެން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިރާނު، އިޓަލީ، ބަންގްލަދޭޝް، ޔޫކޭ، މެލޭޝިއާގެ އިތުރުން ސްޕެއިން ހިމެނެއެވެ. އަދި ސައުތް ކޮރެއާގެ ޑޭޔުން އަދި ޖެޔުން ގޮކް އިން އާއި ޖަރުމަނުގެ ބަވާރިއާ، ނޯތް ރައިން ވެސްޓްފޭލިއާ އަދި ބޭޑެން ވިރްތަމްބާގްގެ އިތުރުން ފްރާންސްގެ އިލް ޑި ފްރާންސާއި ގްރޭންޑް އެސްޓް ވެސް މީގެ ތެރޭގައި ހިމެނެއެވެ.