ފިލިޕީންސް އަދި ބަންގްލަދޭޝްގައި ލޮކްޑައުންވި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކަރުން ކުރަމުން އެބްގެންދެއެވެ.
މިކަމާ ގުޅުގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕިލިޕީންސުގައި ތިބި 61 ދިވެހިންނާއި، ބަންގްލަދޭޝްގައި ތިބި 41 ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ނޭޕާލް އެއާޕޯޓުގައި ތާށިވެފައިތިބި 21 ދިވެހިންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި އެމީހުންނަށް ވެސް އެހީތެރިވަމުންދާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމުގައި،ގައުމުތަކުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފައިވުމާއި، ފްލައިޓުތައް ކެންސަލް ވުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް، ކޮންމެ ތަނެއްގައި ތިއްބަސް ދިވެހިންގެ ހާލު ސަރުކަރުން ބަލާނެ ކަމަށް ިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ސިއްހީ ދާއިރާއިން ތައުލީމު ހޯދަމުންދާ އިތުރު 46 ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ދަނީ ކުރަމުންނެވެ. ފިލިޕީންގައި ތިބި މި 46 ދަރިވަރުން ރޭ ފިލިޕީންސުން ފުރާފައިފައިވާއިރު، މިރޭގެ ވަގުތެއްގައި ގަތަރު މެދުވެރިކޮށް ރާއްޖެ އާދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެހެން ގައުމުތަކުގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ ކޮވިޑް-19 ޓާސްކްފޯހުގައި މަސައްކަތް ކުރުމަށްޓަކައެވެ. އަދި މިކަން ކުރަން ނިންމާފައި ވަނީ މިހާރު ރާއްޖޭގައި ޑޮކްޓަރީ ތަމްރީނު ލިބިފައިވާ މީހުންގެ އަދަދު ގިނަ ކުރުމަށެވެ.
މެޑިސިން އަދި ސްޕެޝަލިސްޓްވުމަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ރާއްޖޭގެ ޑޮކްޓަރުން ރާއްޖެ ގެނައުމަށް ނިންމާފައި ވާއިރު، ނޭޕާލުން ރާއްޖެ އައުމަށް މަސައްކަތް ކުރަމުން ދިޔަ 17 ދަރިވަރަކު ވަނީ ކަރްނާޓަކާ އެއާޕޯޓްގެ ކައިރީގައި ހުރި ހޮޓެލެއްގައި ލޮކްޑައުންވެފައެވެ. ނޭޕާލުގެ ވައިގެ ބަނދަރު ބަންދުކޮށް، ސިޓީތަކަށް ދަތުރުކުރުން މަނާކޮށްފައި ވާތީ، މި 17 ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.