ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާގައި ބުރާސްފަތި ދުވަހު އެކަނިވެސް 235 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައި ވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ ފެބުރުވަރީ މަހުގެ މެދަކާ ހިސާބުގައި ކޮވިޑް-19ގެ ފުރަތަނަ ކޭސް މެލޭޝިއާއިން ފެނުނު ފަހުން، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސްވެސްމެއެވެ.
މެލޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އެގައުމުން ވަނީ ޖުމުލަ 2031 ކޭހެއް ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 45 މީހެއްގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން 32 މީހަކަށް ވެންޓިލޭޓަރުގެ އެހީ ބޭނުންވާކަމަށް ޚަބަރު ލިބެއެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 215 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާއިރު، މަރުވި މީހުންގެ އަދަދު މިހާރުވަނީ 23 އަށް އަރާފައެވެ.
މެލޭޝިއާއިން ބުރާސްފަތި ދުވަހު ޕޮޒިޓިވްވި 235 ކޭހަށް އިޝާރަތް ކުރައްވަމުން އެގައުމުގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް ޑރ ނޫރު ހިޝާމް ޢަބްދުﷲ ވިދާޅުވީ، މިހާތަނަށް ހިންގާފައިވާ ތަހުގީގުތަކަށް ބަލާއިރު، މީގެ ތެރެއިން 60 މީހަކީ ހުސްވި މަހުގެ ފަހުކޮޅު މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ މިސްކިތެއްގައި ބޮޑު ޖަމާއަތް ހަދައިގެން ކުރިއަށް ގެންދިޔަ ދީނީ ހަރަކާތާ ގުޅުންހުރި މީހުންކަން ހާމަވެފައިވާކަމަށެވެ. ބާކީ އޮތް 175 ކޭސް މިހާރުވެސް ތަހުގީގު ކުރަމުންދާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޑރ ނޫރު ހިޝާމް ވިދާޅުވީ، ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރަމުންދާ 80 މީހަކު މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިއިން އެއްވެސް މީހަކީ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިން ނޫންކަމަށްވެސް ޑރ ނޫރު ހިޝާމް ވިދާޅުވިއެވެ.
މެލޭޝީއާގެ ޝާހީ ގަނޑުވަރުގައި ދިރިއުޅުއްވަމުން ގެންދަވާ ޝާހީ އާއިލާގެ 7 މެމްބަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ރަސްގެފާނާ ރާނީވެސް މިވަގުތު ތިއްބެވީ ކަރަންޓީނުގައި ކަމަށް ޚަބަރު ލިބެއެވެ.
މެލޭޝިއާގައި މޫވްމަންޓް ކޮންޓްރޯލް އޯޑަރުގެ އަމުރު ތަންފީޒު ކުރަމުންދާއިރު، އެގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވަނީ އަދި އިތުރު 2 ހަފުތާގެ މުއްދަތަށް މި އަމުރުގެ މުހުލަތު އިތުރު ކުރައްވާފައެވެ.