ކޮވިޑް-19އާ ގުޅިގެން، މެޑިސިން ކިޔަވާ އިތުރު 46 ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމަނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސިއްހީ ދާއިރާއިން ތައުލޫމު ހޯދަމުންދާ އިތުރު 46 ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މި 46 ކުދިން މިރޭ ފިލިޕީންސުން ފުރާނެ ކަމަށާއި، މާދަމާ ރޭގެ ވަގުތެއްގައި ގަތަރު މެދުވެރިކޮށް ރާއްޖެ އާދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މެޑިސިން ކިޔަވާ 46 ދަރިވަރަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދާއިރު، ނޭޕާލުގައި މެޑިސިން ކިޔަވާ 43 ދަރިވަރުންނާއި ޕަކިސްތާނުގައި މެޑިސިން ކިޔަވާ 6 ދަރިވަރުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
އެހެން ގައުމުތަކުގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ ކޮވިޑް-19 ޓާސްކްފޯހުގައި މަސައްކަތް ކުރުމަށްޓަކައެވެ. އަދި މިކަން ކުރަން ނިންމާފައި ވަނީ މިހާރު ރާއްޖޭގައި ޑޮކްޓަރީ ތަމްރީނު ލިބިފައިވާ މީހުންގެ އަދަދު ގިނަ ކުރުމަށެވެ.
މެޑިސިން އަދި ސްޕެޝަލިސްޓްވުމަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ރާއްޖޭގެ ޑޮކްޓަރުން ރާއްޖެ ގެނައުމަށް ނިންމާފައި ވާއިރު، ނޭޕާލުން ރާއްޖެ އައުމަށް މަސައްކަތް ކުރަމުން ދިޔަ 17 ދަރިވަރަކު ވަނީ ކަރްނާޓަކާ އެއާޕޯޓްގެ ކައިރީގައި ހުރި ހޮޓެލެއްގައި ލޮކްޑައުންވެފައެވެ. ނޭޕާލުގެ ވައިގެ ބަނދަރު ބަންދުކޮށް، ސިޓީތަކަށް ދަތުރުކުރުން މަނާކޮށްފައި ވާތީ، މި 17 ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.