ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބިރުވެރިކަމުގައި ދުނިޔެ އޮތްއިރު، މި ބައްޔާ ހަނގުރާމަކުރުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދަނީ ޑޮކްޓަރުންގެ ލަޝްކަރަކުންނޭ ބުނުމުން ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ކަނޑިބަޑިއާއި ލޮންސިތަކާ އެންމެ ޒަމާނީ މިސައިލްތައް ހިފައިގެން ނޫނެއް ކަމަކު، ހަމަ ލޮލަށްވެސް ނުފެންނަ ވަރުގެ ކުޑަކުޑަ މަހުލޫގުންގެ ފައުޖަކާ ޑޮކްޓަރުން ހަނގުރާމަ ކުރަމުންދަނީ އިހުލާސްތެރިކަމާއެކުގައެވެ. ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ އާލާތްތަކާއެކު މައިދާނަށް ނިކުމެ އުޅެނީ އިންސާނިއްޔަތަށްޓަކައެވެ. އަމިއްލަ ދިރިއުޅުމުގެ އެތައް ކަމެއް ގުރުބާން ކޮށްފައެވެ.

މިފަދަ އެއް މިސާލު ފެނިގެންދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޮކްޓަރެއްގެ މަންޒަރުތަކުންނެވެ. ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މި ވީޑިއޯއިން ފެނިގެންދަނީ ސައުދީ އަރަބިއްޔާގެ ޑޮކްޓަރަކު އޭނާގެ ދަރިފުޅުގެ ގައިގައި ބައްދާލުމަށް އިންކާކުރާ މަންޒަރެވެ. އެއީ އޭނާގެ ފަރާތުން ދަރިފުޅުގެ ހަށިގަނޑަށް ކޮވިޑް-19 ފޯރަފާނެ ކަމުގެ ބިރައްޓަކައެވެ. ޑޮކްޓަރު ބުނާ ގޮތުގައި އެއީ މުޖުތަމައަށް އޭނާ ދިން މުހިންމު މެސެޖެކެވެ. ފަސޭހައިން ފެތުރޭ މި ބައްޔަށް މީހުން ހޭލުންތެރިކުރުވުމަކީ އޭނާގެ މި ވީޑިއޯގެ މަގުސަދެވެ.

އެ ޑޮކްޓަރަކީ ސައުދީގެ ވެރިރަށް ރިއާދުގައި ހިންގާ ސަލްމާން ރަސްގެފާނު ހޮސްޕިޓަލުގައި ހިދުމަތް ކުރަމުން އަންނަ ޑރ ނާސިރު ޢަލީ އަލް-ޝަހްރާނީކަމަށް އަރަބި މީޑިއާއިން ރިޕޯޓްކުރެއެވެ.

ޑރ ޢަލީ ބުނާ ގޮތުގައި މިފަދަ ވީޑިއޯއެއް އާންމު ކުރުމުގެ އަނެއް ބޭނުމަކީ، މިފަދަ ނުރައްކާތެރި މައިދާނެއްގައި މަސައްކަތްކުރުމަށްފަހު ސިއްހީ ހިދުމަތްތެރިން ގެއަށް ދިއުމަށްފަހުވެސް އުޅެންޖެހޭ ގޮތް ދައްކުވާދިނުމެވެ.

ޑރ ޢަލީ ހޮސްޕިޓަލު ހެދުމުގައި ގެއަށް އައިސް ވަންނަތަނުން އޭނާގެ ދަރިފުޅު ދުވެފައި ކަހަލަ ގޮތަކަށް ބައްޕައާއި ދިމާލަށް އާދެއެވެ. ނަމަވެސް ދަރިފުޅަށް ވައިރަހުގެ އަސަރުކޮށްފާނެ ކަމަށްޓަކައި އޭނާ ތިރިވެއެވެ. އަދި ދަރިފުޅަށް ކައިރި ނުވެވޭ ގޮތް ހަދައެވެ. އަދި ހިފެހެއްޓުމެއްނެތި ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮރުވުމަށް، އަތުގެ އެހީގައި ކޮންމެވެސް ވަރަކަށް މޫނު ފޮރުވައެވެ.

ޑރ ޢަލީ ކިޔައިދީފައިވާ ގޮތުގައި ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ދިއުމުގެ ކުރިން އަބަދުވެސް އޭނާގެ އަނބިމީހާއަށް ގުޅައެވެ. އަދި ގެއަށް ވަދެ، ހޮސްޕިޓަލުގައި ބޭނުންކުރި ހެދުން ބަދަލުކޮށް، އަތް ސްޓެރެލައިޒްކޮށް، ރަނގަޅަށް ފެންވެރުމުގެ ކުރިން އޭނާއާއި ދަރިން ބައްދަލުނުވާނެ ކަން އަންހެނުން ލައްވާ ކަށަވަރުކުރުވައެވެ.

https://www.youtube.com/watch?time_continue=1&v=2LbWbITbfYg&feature=emb_logo

ޑރ. އަލީ ބުނާ ގޮތުގައި ސިއްހީ ހުރިހާ ހިދުމަތްތެރިންވެސް ކަންކުރަންވާނެ ގޮތަކީ މިއީއެވެ. ހޮސްޕިޓަލުގައި ބޭނުންކުރާ މާސްކާ އަންގިތަކަކީ ހޮސްޕިޓަލުގައި ނައްތާލާ ތަކެއްޗެވެ. ނަމަވެސް ލައިގެން އުޅޭ އަންނައުނުގައި ބައެއް ފަރާތްތަކުން ގެއަށް ދެއެވެ. ކަންމިހެން އޮތްއިރު އަނެއްބައި ހިދުމަތްތެރިންނަކީ އަމިއްލަ އާއިލާއާއި ދުރުގައި އެތައް ދުވަހެއް ހޭދަކުރަންޖެހޭ މީހުންނެވެ. އާއިލާއާއި ދުރުގައި އެ ޑޮކްޓަރުން ހޭދަކުރަމުންދާ ކޮންމެ ވަގުތަކީވެސް ކޮންމެވެސް އާއިލާއެއްގެ މެމްބަރެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ވަގުތެވެ.