ރާއްޖޭގެ ސޮވެރިން ފަންޑުގައި 272 މިލިއަން ޑޮލަރު އެބަހުރި ކަމަށް ސަރުކާރުން ބުނެފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ފަންޑަށް ފައިސާ ވަންނަ ގޮތަކީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ ކަމަށެވެ. އެ ފަންޑަކީ އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީ ހިމެނޭ ގޮތަށް އެކުލަވާލައިފައި އޮންނަ ބޯޑަކުން ބަލަހައްޓާ ފަންޑެކެވެ.
"އެއްވެސް އިރަކު 2 ކީ ސްޓްރަކްޗާއެއް މި ފަންޑުގައި އުފެދިފައެއް ނުވޭ، ސަރުކާރުން މިހާރު ނިންމާފަ އޮތީ ގާނޫނީ ހަމަތައް ނިންމުމަށްޓަކައި ގާނޫނެއް އެކުލަވާލާފަ މަޖިލީހަށް ފޮނުވުމަށް އެއީ މިހާރު އޮތް ގޮތް ބަދަލު ކުރުމަށް. އަދި މިހާރު އޮންނަ ގޮތަކީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ އޮފިޝަލުން އެކުލެވޭ ބޯޑަކުން އެޕްރޫވްކޮށްގެން އޭގެ ހުންނަ ފައިސާ ބޭނުން ކުރެވޭނީ. ސޮވެރިން ޑިވަލޮމްޕަންޓުގެ ފަންޑުތަކަކީ ހަފްތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން ހާމަ ކުރާ ނަންބަރުތަކެއް. މިވަގުތު އެ ފަންޑުގައި 272 މިލިއަން ޑޮލަރު އެބަހުރި،" މަބްރޫކް ވިދާޅުވިއެވެ.
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދީ 2017 ވަނަ އަހަރުއެވެ. މި ފައިސާ ޖަމާކުރަން ފެށީ ވެސް އެ އަހަރުގެ ތެރޭގައެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރު އެ ފަންޑުގައި ހުރީ 47 މިލިއަން ޑޮލަރެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމާޒަކީ 2022ވަނަ އަހަރު ނިމުމުގެ ކުރިން އެ ފަންޑަށް 500 މިލިއަން ޑޮލަރު ޖަމާ ކުރުމެވެ.