ހަނިމާދޫން ހޮނޑާފުއްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ހދ. ހަނިމާދޫގައި ހުރެފައި ހޮނޑާފުއްޓަށް ދިޔަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ހޮނޑާފުއްޓަށް ދިޔައީ، ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުމާއި ރަށްރަށުން މީހުން ރިސޯޓްތަކަށް އެރުން މަނާކޮށްފައި ވަނިކޮށެވެ.

ފުލުހުން ބުނީ، އޭނާ ހޮނޑާފުއްޓަށް ގޮސްފައި ވަނީ، ހޮނޑާފުށީ މެނޭޖްމަންޓުގެ ހުއްދަ ނެތި ކަމަށެވެ. އަދި އޭނާ ވަނީ ރިސޯޓްގައި ހުރި އޭނާގެ ތަކެތި ހިފައިގެން ހަނިމާދޫއަށް އަނބުރާ ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އޭނާ ހަނިމާދޫއަށް ދިއުމުން، ކޯޓުއަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިިރިހެނަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

"އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިވަޑައިގަންވާ ބާރުގެ ދަށުން، އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކޮށްފައި ވަނީ މިމަހު 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.