ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލުން ސަލާމަތްވެވުނު ހަމަ އެންމެ ގައުމެއްވެސް ނެތޭ ދެންނެވިދާނެއެވެ. ކޮވިޑް-19އާއިއެކު ބޮޑެތި ގައުމުތަކާ، ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުންވެސް އުޅެމުންދަނީ ހާސްކަމާ ނުތަނަވަސްކަމުގެ ތެރޭގައެވެ.
ސިއްހީ ގޮތުން ކުރިއަރާފައިވާ ގައުމުތަކަށްވެސް މި ނުތަނަވަސްކަމުގައި އިސްތިސްނާއެއް ނެތެވެ. ސިއްހީ އާލާތްތަކާ ވަސީލަތްތައް ހުސްވުމާ ގާތަށް ގޮސްފައިވާއިރު، އެންމެ ކުރިއަރާފައިވާ ވިލާތުގެ ބައްރުގައި މަސްރަހު ގޯސްވެފައިވާ އިޓަލީވިލާތުގައި ވެންޓިލޭޓަރަށް ލާނެ ޕޭޝަންޓަކު ހިޔާރު ކުރުމުގެ އުނދަގޫ ނިންމުން ނިންމަންވެސް ޑޮކްޓަރުންނަށް މަޖުބޫރުވާ ހާލަތަށް މަސްރަހު ވަނީ ގޯސްވެފައެވެ.
މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާފައިވަނީ ޓެކްނޮލޮޖީގެ ދުނިޔެއަށް އަލަށް ތައާރަފުވެގެން އައި ކުޑަ ކުންފުންޏެއް ކަމަށްވާ އިސިނޯވާއިންނެވެ. އެއީވެސް އިޓަލީވިލާތުގައެވެ. ކްރިސްތިއާން ފްރަކާސީ އިސްކޮށް ހުރެގެން ހިންގަމުންދާ މި ކުންފުނީގެ އަމާޒަކަށްވީ ވެންޓިލޭޓަރު ހޯދުމުގައި އިޓަލީވިލާތުގެ ހޮސްޕިޓަލުތަކަށް ކުރިމަތިވެފައިވާ މައްސަލައަށް ހައްލު ހޯދާދިނުމެވެ. މިކަން އެ ކުންފުނިން ފެށީ ތްރީޑީ ޕްރިންޓިންގް ޓެކްނޮލޮޖީގެ އެހީގައެވެ. ވެންޓިލޭޓަރު އުފައްދަނީ ސްނޯކްލިންގް މާސްކްއާއި ވޭލްވްއެއް ގުޅައިގެން ކަމަށްވާއިރު އިސިނޯވާއިންވަނީ މި ފަރުމާކުރާނެ ގޮތްވެސް އާންމުކޮށްފައެވެ. އެއީ ތަޖުރިބާކާރު ފަރާތްތަކުން މިފަދަ އިތުރު އާލާތްތައް އުފެއްދުމަށް އެހީއެއްގެ ގޮތުގައެވެ.
އިސިނޯވާގެ އުފެއްދުން މިހާތަނަށް ވަރަށް ކާމިޔާބެވެ. އިސިނޯވާއިން މި ޑިވައިސް ފަރުމާކޮށްފައިވަނީވެސް ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާވެސް އެކުގައިކަމީ މިގަމުގެ އެއް ސިއްރެވެ.
އިސިނޯވާއިން ތްރީޑީ ޓެކްނޮލޮޖީގެ އެހީގައި ތަރައްގީކުރާ ވެންޓިލޭޓަރުތައް ތައްޔާރުކުރަނީ މިހާރުވެސް ބާޒާރުން ލިބެންހުރި 'އީޒީބްރީތް' މާސްކު ބޭނުންކޮށްގެންނެވެ.
އިސިނޯވާ ޓީމުން ބުނީ މިމަޝްރޫއުގައި އެ މާސްކުތައް ބޭނުންކުރުމަށް އެކުންފުނިންވެސް ޑިޒައިންތައް ހިއްސާކޮށްފައިވާކަމަށެވެ. މާސްކުތައް ރަނގަޅަށް ދިރާސާކުރުމަށްފަހު ވެންޓިލޭޓަރަކަށް ޑިވައިސް ބަދަލުކޮށްލުމަށް ބޭނުންވާ ވޭލްވްއަށް އިސިނޯވާއިން ދިންނަމަކީ ޝާލޮޓްއެވެ.
ޝާލޮޓް ވޭލްވް ބޭނުންކޮށްގެން އިސިނޯވާއިން ތައްޔާރުކުރި ވެންޓިލޭޓަރު ވަނީ، އިޓަލީވިލާތުގެ ޝިއާރީ ހޮސްޕިޓަލުގައި ޓެސްޓުކޮށްފައެވެ. ނަމަވެސް މިއީ އަދި ސިއްހީ ގޮތުން ބޭނުން ކުރަން އެންމެ އެކަށީގެންވާ ކަމުގެ ރަސްމީ ލިޔުން ލިބިފައި ނުވާ ޑިވައިސްއެއްކަންވެސް އިސިނޯވާއިން ފާހަގަކުރެއެވެ.
މިޑިވައިސްއަށް ގިނަބައެއްގެ ސަމާލުކަން ހުއްޓުމާއެކު އިސިނޯވާއިންވަނީ ޝާލޮޓް ވޭލްވްގެ ޕޭޓަންޓް ރައިޓްސް ގަނެ، މި ޑިޒައިންއަކީ އެއްވެސް އަގަކާ ނުލާ ބޭނުން ކުރެވޭނެ ޑިޒައިނެއް ކަމުގައި ކަނޑައަޅާފައެވެ. އެއީ މިކަމުގެ ފައިދާ ނަގައިގެން ބަޔަކު ބޮޑު އަގުގައި ވިޔަފާރިއެއް ފަށާފާނެ ކަމަށްޓަކައެވެ.