ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މެދު ރާއްޖެެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރުން ދަށުގެ ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފައިވާއިރު، މިމަހު 22 ވަނަ ދުވަހު ހުޅުމާލޭގައި އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި ފުލުހުން ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި ހަމައެދުަވހު އުތުރުގެ ރަށެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، މިމަހު 20 ވަނަ ދުވަހު އުތުރުގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައެއްގައި 20 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.