ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖެ އައުމަށް ބޭނުންވާ ފަރާތްތަކަށް އެނބުރި ރާއްޖެ އާދެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ އަސަރު ގިނަ ގައުމުތަކަކަށް ކުރަމުން ދާކަމަށެވެ. އަދި އޭގެތެރޭގައި ދިވެހިން އާންމު ގޮތެއްގައި ދަތުރުކޮށް އުޅޭ އަދި އެކިއެކި ބޭނުންތަކުގައި ދިވެހިންގެ ގިނަ ބަޔަކު ދިރި އުޅެމުންދާ ގައުމުތައް ކަމަށްވާ ސްރީލަންކާ، އިންޑިއާ، މެލޭޝިއާ ފަދަ ގައުމުތައް ހިމެނިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ، މިވަގުތު ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު ނުތަނަވަސް ކަމެއް ކުރިމަތި ވެފައިވާ އެއް ގައުމަކީ އަވަށްޓެރި ސްރީލަންކާ ކަމަށެވެ. އެގޮތުން، އެގައުމުގައި ކާފިއު އިއުލާން ކޮށްފައި ވާއިރު، އެ ގައުމުގައި އެތައް ދިވެހިންނެއް ތިބީ ތާށިވެ ހަދާނެ ގޮތް ހުސްވެފައި ވާއިރު، އެގައުމުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ދިވެހިންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ކަރަންޓާއި، ފެނާއި ގޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައިވެސް ދަތިތަކާ ކުރިމަތިވަމުން ދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަސް އިދިކޮޅުން ބުނެއެވެ. އަދި މިފަދަ ދަތިތައް ކުރިމަތިވަމުން ދާއިރު، އެކިއެކި ސަބަބުތަކާ ހެދި ރާއްޖެ އައުމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ދިވެހިން ތިބިކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އިދިކޮޅުން ބުނީ، އިންޑިއާ، މެލޭޝިއާ އަދި މި ނޫންވެސް ބައެއް ގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންނަށްވެސް ގިނަ ގުނަ ދަތިތައް ކުރިމަތިވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ބަލާއިރު، އެ ގައުމުތައް އެއްކޮށް ބަންދުކޮށް، ބޯޑަރުތައްވެސް ބަންދު ކުރެވިފައި ވާތީ، ފައިސާގެ ދަތިކަމާ ވިސާގެ މުއްދަތު ހަމަވުން ފަދަ ކަންކަން ކުރިމަތިވެ، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެތައް ތަކުލީފެއް ކުރިމަތިވަމުން ދާކަން އެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. އަދި މީގެ ތެރެއިން ބައެއް ގައުމުތަކުގައި ދިވެހި އެމްބަސީތަކާއި ކޮންސިއުލޭޓްތައް ގާއިމް ކުރެވިފައި ވީ ނަމަވެސް އެމްބަސީން ފޮނުވާ އެސްއެމްއެސްތަކުގެ އިތުރުން އެ ގައުމުތަކުގައި ތިބި ދިވެހިންނަށް ބޭނުންވާ މައުލޫމާތުތައް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދެމުން ނުގެންދާކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަސް އިދިކޮޅުން ބުނެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ގެންދާ ފަރާތްތަކުގެ ހާލަތު އެންމެ ގާތުން ބަލާ، އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އިދިކޮޅު ކޯލިޝަނުން ވަނީ، ރާއްޖޭއން ބޭރުގައި ތިބި ފަރާތްތަކަށް މިހާރުން މިހާރަށް ބޭނުން ޖެހިފައިވާ މުހިންމު ކަންކަން ފުރިހަމަކޮށް، އެމްބަސީތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްދީ، އެކަންކަން ހަމަކޮށްދިނުމަށްވެސް ގޮވާލާފައެވެ.