ކޮވިޑް ފަންޑަށް ވޯލްޑްބޭންކުން 10 މިލިއަން ޑޮލަރު ލިބިއްޖެ ކަމަށާއި އިތުރު ބޭންކުތަކާ ދަނީ މަޝްވަރާ ކުރަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރައީސް ސޯލިހް ވިދާޅުވީ، މި ހާލަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުންދާ ކަމަށެވެ.

އެގޮތުން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު މިހާރުވަނީ ގްރާންޓެއްގެ ގޮތުގައި ކޯވިޑް ފަންޑަށް ލިބިފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މީގެ އިތުރުން، އޭޑީބީ އާއި އޯޕެކް، އައިޑީބީ، އޭއައިއައިބީ ފަދަ ބޭންކުތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އިގްތިސޯދީގޮތުން އަނދަވަޅަކަށް ވެއްޓިފައިވާއިރު، ސަރުކާރުން ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައެވެ. އޮންއެރައިވަލް ވިސާ ހުއްޓުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓޭއިރު، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބެވެ. އަދި ކޮވިޑް-19އާ ގުޅިގެން މިހާތަނާށް ރާއްޖޭގެ 50 ރިސޯޓް ބަންދުކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުރިހާ ރިސޯޓަކާއި ހޮޓާތައް ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

އަދި ރިސޯޓުތަކުގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދާތާ 14 ދުވަސްފަހުން ރިސޯޓު މުވައްޒަފުންނަށް ފުރައިގެން ރަށްރަށަށް ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.