ކޮވިޑް-19އާ ގުޅިގެން ހައުސިން ލޯނުތައް ދެއްކުން ވެސް 6 މަސް ދުވަހަށް ލަސްކޮށްފިއެވެ

މިކަން އިިއުލާނު ކުރެއްވީ ކޮވިޑް-19އާ ގުޅިގެން މިހާރު ދަރުބާރުގޭގައި ކުރިއަށްދާ، ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެޗްޑީއެފްސީން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ ހަ މަސްދުވަހަށް ފަސްކޮށްދީފައި ކަމަށެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުން ނަގާފައިވާ ގިން ލޯނުތައް ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސުން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށްދޭން އެ ބޭންކުން ވަނީ ނިންމާފައެވެ.

އެހެންކަމުން ބީއެމްއެލުން 3 އަހަރަށް ދޫކޮށްފައި އޮތް ލޯނެއް ކަމަށްވާނަމަ، ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަސް އިތުރުކޮށްދޭއިރު، މި ފުރަތަމަ 6 މަސްދުވަހު ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ފުރަތަމަ 6 މަސް ދުވަހަށްފަހު، ލޯނަށް ފައިސާ ދައްކަން ފަށާއިރު، މަހުން މަހަށް ދައްކަންޖެހޭ ފައިސާ، އިތުރު 6 މަސް ދުވަހަށް، 20 ޕަސެންޓުން ކުޑަކޮށް ދިނުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި އަދި އެނޫން ވިޔަފާރިތަކަށް، ބީއެމްއެލްގެ އަމިއްލަ ފައިސާއިން 308 މިލިއަން ރުފިޔާ ދޫކުރުމަށް، އެ ބޭންކުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދަނޑުވެރިކަމަށް އެސްޑީއެފްސީން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކަށް، މާޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ ހަ މަސްދުވަހަށް ފަސްކޮށްދީފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އިތުރު ލޯނުތައް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ހަ މަސްދުވަހުގެ އިންޓަރެސްޓްވެސް މިހާރު ވަނީ ހަތަރު އިންސައްތައަށް ކުޑަކޮށްދީފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.