ކޮވިޑް-19 އާ ގުޅިގެން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއް ކުރަން ޖެންޑާ މިނިސްޓްރީން ފެށި މަސައްކަތް ހުއްޓާލައިފިއެވެ.
ޖެންޑާ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު ކަމާގުޅުންހުރި، ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް މި ވަގުތު ކުރަމުން ކަމަށާ އެހެން ކަމުން މިނިސްޓްރީން އިއްޔެ ފެށި މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އުމުރުން ދުވަސްވީ ފަރާތްތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން އިއްޔެ ވަނީ ހާމަ ކޮށްފައެވެ. އަދި އެކަމަށް ހާއްސަ ފޯމެއް ތައްޔާރުކޮށް ޓްވިޓާ މެދުވެރިކޮށް ވަނީ އާންމު ކޮށްފައެވެ. އެ ފޯމްގައި އެ މީހެއްގެ އާންމު މައުލޫމާތުގެ އިތުރުން މިހާރުގެ ސިއްހީ ހާލަތުގެ މައުލޫމާތު ފުރިހަމަ ކުރަން ހިމަނާފައި ވެއެވެ. ޖެންޑާއިން ވަނީ އެ ފޯމް ފުރުމަށްފަހު 65 އަހަރުން މަތީގެ މީހުން އެ މިނިސްޓްރީއަށް ހުށަހަޅަން އެދިފައެވެ.
ޖެންޑާ މިނިސްޓަރީގެ އެ ނިންމުމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާއިން ފަށާފައިވާ ކަމަށް ބުނިއިރު 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން ކޮންމެ މަހަކު ދަނީ އިނާޔަތް ދެމުންނެވެ. އަދި އެ އުމުރުގެ މީހުންގެ ޑާޓާބޭސް ޕެންޝަން އޮފީހުން ދަނީ ގަވާއިދުން ބަލަހައްޓަމުންނެވެ.
ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައިވެސް އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. އަދި އެ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި ގިނައިން މަރުވަމުން ދަނީ ދުވަސްވީ މީހުން ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ވަނީ ބުނެފައެވެ.