ކޮވިޑް-19އާ ގުޅިގެން ޒަރޫރީ ބޭނުންތަކުގައި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ލިބުނީ 3 ކޯލް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއަދު ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ހޮޓްލައިނަށް އައީ 82 ކޯލް ކަމަށާއި، އޭގެ ތެރެއިން ގިނައިން އައީ އެކި ކަންކަމުގައި މައުލޫމާތު ސާފުކުރުމަށް އައި ކޯލްތައް ކަމަށެވެެ. އަދި ޒަރޫރީ އެކި ބޭނުންތަކުގައި 3 ކޯލެއް އައި ކަމަށާއި، އެ 3 ކޯލަށް ވެސް ޖަވާބުދީވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އުނދަގޫތައް ދިމާވެ ބައެއް ދިވެހިން ހާލުގައި ޖެހިފައިވާ ކަމަށާއި، ލަންކާގައި ހުންނަ ހައި ކޮމިޝަނަށް އެތައް ފަހަރު ގުޅައިގެންވެސް ނުގުޅުނު ކަމަށް ބުނެ ވާހަކަ ދެކެވެމުން ދަނިކޮށެވެ.

ފޮރިން މިނިސްޓްރީން ބުނީ، މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާ ކަމަށެވެ. އެގޮތުން، ވަކި ގޮތެއް އަންގަންދެން ހުރިހާ ކެޓެގަރީ އެއްގެ ވިސާ ދޫކުރުން މަނާކުރުމާއި، އެއްވެސް ކެޓެގަރީއެއްގެ ވިސާ ލިބިފައި ހުއްޓަސް، މިހާތަނަށް މިއިން އެއްވެސް ވިސާއެއް ބޭނުން ކޮށްގެން ލަންކާއަށް ދަތުރު ކޮށްފައި ނުވާނަމަ، މި ވިސާތައްވެސް 31 މާރިޗު 2020 ގެ ރޭގަނޑު ސްރީލަންކާ ގަޑިން 23:59 އާ ހަމައަށް ސަސްޕެންޑް ކުރުން ހިމެނެއެވެ. އަދި ކޮލޮމްބޯ، ގަމްޕަހާ އަދި ކަލުތަރަގައި ވަކި ގޮތެއް އަންގަންދެން ކާފިއުއެއް ހިންގުން ވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ދުވަސްތަކުގައި ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މިކަމަށް ސަމާލުވުމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެން ވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އެ މިނިސްޓްރީން ބުނީ، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސްރީލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރަމެވެ. އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް އެ މިނިސްޓްރޫީން އިލްތިމާސް ކޮށްފައިވެއެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ އެ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީން އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.