ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 724 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށާއި، އަދި ނަތީޖާ ނުލިބޭ 8 ސާމްޕަލް އެބަ އޮތް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 124 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އޭގެތެރެއިން 8 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 745 ސާމްޕަލް ނެގިފައިވާ ކަމަށާއި ބައެއް ސާމްޕަލްތައް ދެ ފަހަރުވެސް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިއްޔެ ރާއްޖެއަށް އައި މީހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 54 ދިވެހިންނާއި 133 ފަތުރުވެރިން ވަނީ އައިސްފައެވެ. ރާއްޖެއަށް މިވަގުތު އަންނަ ފަތުރުވެރިން ފިޔަވާ ދިވެހިންނާއި ބިދޭސީން ކަރަންޓީން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންކަމުން މިހާރު ސަރުކާރުން ދަނީ ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ.

ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ސަރުކާރު އިދާރާތައް ބަނދުކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ.