ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގަމުން އަންނަ އެއް ކުންފުނިކަމަށްވާ "ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް" އިން ހިންގަމުން އަންނަ ހުރިހާ ރިސޯޓެއް ތިން މަސް ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.

ޗަމްޕާ ގުރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގްރޫޕުން ހިންގާ ރިސޯޓުތަކުގެ ތެރެއިން ތިން ރިސޯޓެއް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަ ދުވަހާއިހަމައަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބާކީ 5 ރިސޯޓު ބަންދު ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހާއި ހަމައަށެވެ. ޗަމްޕާ ގްރޫޕުގެ ރިސޯޓުތައް ބަންދު ކުރާއިރު މުވައްޒަފުންނާއި މެދު އަމަލު ކުރާ ގޮތެއް އެކުންފުނިން ހާމަކޮށްފައި ނުވެއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި 8 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރަތަމަ ކޮވިޑް-19 ޕޮޒިޓިވް ކޭސް ފެނުނު ކުރެއްދޫ ރިސޯޓު ހިމެނެއެވެ. މި ރިސޯޓު އަދިވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ.

ޗަމްޕާއިން މިހާރު ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތައް:

  1. ކޮމަންޑޫ އައިލެންޑް
  2. މީރު އައިލެންޑް
  3. ވެލިގަނޑު ރިސޯޓް
  4. ވިލަމެންދޫ ރިސޯޓް
  5. ކަގި މޯލްޑިވްސް
  6. ކުޑަދޫ މޯލްޑިވްސް
  7. އިންނަހުރާ މޯލްޑިވްސް
  8. ހުރަވަޅި ރިސޯޓް
  9. ޗަމްޕާ ސެންޓަރަލް ހޮޓެލް (ލާމޭގައި ހުންނަ ހޮޓެލް)

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދާއި، ފަތުރުވެރިކަމަށް ދިމާވެފައިވާ ހީނަރުކަމާއި ގުޅިގެން ޔުނިވާސަލް ގްރޫޕުން ހިންގާ ރިސޯޓުތަކާއި ވިލާ ގްރޫޕުން ހިންގާ ރިސޯޓުތައް ވެސް ވަނީ ބަންދުކޮށް މުވައްޒަފުންނަށް ވަނީ ނޯޓިސްދީފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އެތައް އަސަރެއް ކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ މާލީ ބޮޑެތި ގެއްލުންތައް ވެފައެވެ. އެ ގެއްލުންތަކުން އަރައިގަތުމަށް ހަރަދު ކުޑަކުރުމާއި މުސާރަތައް ކުޑަ ކުރުމުގެ އިތުރުން ބައެއް ކުންފުނިތަކުން މުވައްޒަފުން މަދު ކުރަމުންދާކަންވެސް ވަނީ އެނގިފައެވެ.