ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލޭގެ ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށްފައިވާ މި ދުވަސްތަކުގައި ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ ފުޑް ކޯޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތައް ނިންމައިފިއެވެ.
އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފުޑްކޯޓުތަކުގެ ވިޔަފާރީ ހުއްޓުމަކަށް ގެނައި ދުވަހުން ފެށިގެން ސަރުކާރުން އެކަމުގައި އެހެން ގޮތެއް ނިންމަންދެން މި ހިނގާ މުއްދަތުގައި ފުޑްކޯޓަށް ދައްކަން ޖެހޭ ކުލި މައާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
ގްރޭޓާ މާލޭގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތައް ބަންދުކުރަން ސަރުކާރުން ނިންމަފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެންނެވެ. ނަމަވެސް އެ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން މިފަދައިން ނިންމާފައި ވަނީ މީހުން އެއްވެ އުޅުމާއި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ޓަކައެވެ.
ހަމައެއާއެކު މި މަހުގެ 22 ވަނަ ދުވަހު ސަރުކާރުން ވަނީ ގާޑިޔާތައްވެސް ބަންދުކުރުމަށް އަންގާފައެވެ.
ރާއްޖޭގައި ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ފަރާތުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، ސަރުކާރު އޮފީސްތައް ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 5 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ.