ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19އާ ގުޅިގެން ސްރިލާންކާއިން އަނބުރާ ރާއްޖެއަށް ނާދެވިފައި ތިބި ދިވެހިން ގެންނަން އިނަ މޯލްޑިވްސް ހޮލިޑޭސް އިން ރާއްޖެ އަށް ފްލައިޓެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ސްރީލަންކަން އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓްސް ކަމަށްވާ އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ލާންކާއިން ރާއްޖެއަށް އަނބުރާ އަންނަން ވަރަށް ގިނަ ފަރާތްތަކުން ބޭނުންވާ ކަމަށާއި، އެހެންކަމުން އެކަމާއި ގުޅިގެން ސްރީލަންކާގެ ސަރުކާރާއި އަދި ދިވެހި ސަރުކާރާއިވެސް ވާހަކަ ދައްކައިގެން ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ހާއްސަ ފްލައިޓެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ އެ ފްލައިޓް މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ކަމަށާއި، ނަމަވެސް މި ފްލައިޓު ބާއްވާނެ އަގު އަދި ފައިނަލެއް ނުވާ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ސްރީލަންކާ އަށްވެސް ފެތުރިފައިވާއިރު، އެ ގައުމުން މިހާތަނަށް ކޮވިޑް19 އަށް 97 މީހަކު ޕޮޒިޓިވް ވެފަި ވެއެވެ. ނަމަވެސް އޭގެތެރެއިން އެއްވެސް މީހަކު މަރުވެފައި ނުވެއެވެ. ކޮވިޑް19 ގެ ސަބަބުން ސްރީލަންކާ އިންވެސް ވަނީ އެ ގައުމަށް ފްލައިޓްތަކުގެ ދަތުރުތައް މަނާކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ ކަރަންޓީން އަކަށް ދާން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ.