ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައި ވާއިރު އެކަމުން ސަލާމަތްވެ ރައްޔިތުން އެކަމުން ރައްކާތެރިކުރަން ބޭނުންވާ ނަމަ ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އެއާޕޯޓުތަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ މުވައްޒަފުންގެ ފުރާނަތައް "ރިސްކު" ކުރުމަކީ ބަލައިގަނެވޭނެ އަދި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ކޮވިޑް19 އިން ސަލާމަތްވުމަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރަންޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށް ދޭހަވާ ފަދަ ގޮތަކަށް ޣައްސާން ވިދާޅުވީ ނުކޮށް ދޫކޮލެވޭ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ރަނގަޅު މަސައްކަތް ބޭކާރުވިޔަ ދީގެން ނުވާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ބަަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ރިސޯޓުން އަނެއް ރިސޯޓަށް ނުދިއުމާއި މުއްދަތެއް ނެތް ގޮތަށް އެކްސްކާޝަންތަކަށް ދިއުން މަނާ ކުރުމާއި މީހުން ގިނައިން އެއްވާ އެއްވުންތައް ނުބޭއްވުން ފަދަ ކަންކަން ހިމެނެއެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހުނީ 13 މީހަކަށެވެ. އޭގެތެރެއިން ފަސް މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.