ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ދަރުބާރުގެގާއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ބޭރުގެ އެހެން ގައުމުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް، ސީދާ އިގްތިސޯދަށް ކޮށްފައިވާ އަސަރުން އަރައިގަތުމަށް މިހާތަނަށް އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

ސީދާގޮތުން، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ބޭރުގެ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދީފައި ނުވީ ކަމުގައިވީ ނަމަވެސް، ޗައިނާ، އިންޑިއާ، ޖަޕާން އަދި އެމެރިކާފަދަ ގައުމުތަކުން ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއަށް ބޭރުގެ ފައިސާ ވަންނަން އޮންނަ ދޮރަކީ ފަތުރުވެރިކަން ކަމަށާއި، އެ ދޮރު މިހާރު މިވަނީ ބަންދުވެފައި ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެ އައީ 204 ފަތުރުވެރިންކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ އިގްތިސޯދު ހަލާކުވިޔަ ނުދީ ބޭއްވުން ކަމަށެވެ. އަދި އޭގެ އެންމެ މުހިންމު ސަބަބަކީ ދިވެހި އެއީ ރައްޔިތުންނަށްޓަކައި އޮންނަ އެއްޗެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، އިގްތިސޯދެއް އާރާސްތުކޮށްފައި ބޭއްވުމުގެ ބޭނުމަކީ، ދިވެހި ވަޒީފާތަކާއި، ދިވެހިންނަށް ލިބެންޖެހޭ ހިދުމަތްތައް ހުއްޓުނަނުދީ ކުރިއަށްދާނެ ގޮތަށް ބޭއްވުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މި ހާލަތުގައި ރައްޔިތުންނަސް އެހީވުމަށްޓަކައި، ސަރުކާރުގެ ހަރަދު ކުޑަކޮށް، ދައުލަތުގެ ބަޖެޓުން ކަނޑާލެވޭ މިންވަރަށް ކަނޑާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ، އެ ފައިސާއާއި ރާއްޖެއަށް ލިބޭ އެހީ ބޭނުންކޮށްގެން ވީއެންމެ ރަނގަޅަކަށް ވަޒީފާތައް ރައްކާތެރި ކޮށްދީ، ހިދުމަތްތަކަށް ހަރަދު ކުރަން ޖެހޭވަރު ކުޑަކޮށްދިނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.