ވިލާ ގުރޫޕް އޮފް ކޮމްޕެނީސްގެ ބައެއް ރިސޯޓްތައް ކޮވިޑް-19ގެ އައިސޮލޭޝަން ފެސިލިޓީސްގެ ގޮތުގައި ސަރުކާރަށް ދީފައިވަނީ އެއްވެސް އެއްޗެއް ބޭނުންވެގެން ނޫން ކަމަށް ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގްގެ ޗެއާމަން އަދި މާމިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީ އެއްގެ ގޮތުގައި ސަރުކާރަށް ދެއްވާފައިވާ ރަށްތަކަކީ އެއްވެސް ޝަރުތަކާ ނުލައި އިންސާނީ ހިދުމަތަށްޓަކާ ދެއްވާފައިވާ ރަށްތަކެއް ކަމަށެވެ.

އަދި ކަރަންޓީނު ކުރެވިފައިވާ މީހުންގެ އަންނައުނު ދޮވުމާއި އެމީހުން ބޭނުންކުރާ ފެނަށްވެސް އެއްވެސް އަގެއް ވިލާގެ ރިސޯޓުތަކުން ނުނަގާނެ ކަމަށާއި ކާޑުގެ ބާވަތްތަށް ފިޔަވައި ކެއުމުގެ އަސާސީ އެހެނިހެން ބާވަތްތައް ކަމުގައިވާ މަހުގެ ބާވަތްތަކުންވެސް ރިސޯޓުން ދެވެންހުރި މިންވަރަކަށް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގުޅުއްވީމާ އަޅުގަނޑު ދެންނެވިން އަޅުގަނޑު މިހުރީ ފަންއައިލެންޑު ދޫކޮށްލާށޭ. މައްސަލައެއްނެތޭ. ދެންހަމަ އެހެންމެ ރައީސަށް ވޮއިސްމެއިލަކުންވެސް ދެންނެވީން އެކަމަކު އަޅުގަނޑު ކޮންމެހެން ބޭނުމެއްނޫނޭ ސަރުކާރުން ދެއްވާ 750 ރުފިޔާއެއް. 750 ރުފިޔާގެ ވާހަކަފުޅެއް ވިދާޅުވި، ކޮންމެ އޮކިއުޕައި ކުރާ ކޮޓަރިއަކަށް. ދެން އެރަށް ހުސްކޮށް ބާއްވާފަ. ޓުއަރިޒަމް ސެކްޓަރގަ މަސައްކަތްކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވަރުގެ ރަށެއް، 100 ކޮޓަރީގެ ރަށަކަށް އަނދައިގެންދާނެ ތެލާއި ދާނެ ޚަރަދާ އަދި އެނޫންވެސް އެހިނިހެން ކަންތައްތައް. ދެން އަޅުގަނޑުމެން ދީފަ އެހެރީ ހުރިހާ ފެސިލިޓީސްތަކާއި އެކު. ދެން އަޅުގަނޑު ދެންނެވީން ދިވެހިސަރުކާރާ އަދި ރައްޔިތުންގެ ސަލާމަތާ އަމަން ކަމަށްޓަކާ އަޅުގަނޑު މިހުރީ އަޅުގަނޑަށް ކޮށްދެވެންހުރި ހުރިހާ ކަމެއްވެސް ކޮށްދޭށޭ. އަދި އެރަށުގެ އިތުރަށް ހޮލިޑޭ އައިލެންޑުވެސް، ދޫކުރަން ތައްޔާރަށްހުރި ވާހަކަ ރައީސަށް ފޮނުވި ވޮއިސްމެއިލްގައިވެސް ދެންނެވިން.
ގާސިމް އިބްރާހީމް

ގާސިމް ވިދާޅުވީ ވިލާގެ ރިސޯޓުތަކަކީ ދުވަހުން ދުވަހަށް ލިބޭ އާމްދަނީން ހިންގާ ތަންތަނަށް ވުމާއެކު މިހާރު އެތަންތަނުން އާމްދަނީ ނުލިބޭތީ ތެލާއި އެހެނިހެން ސަޕްލައި ގަންނާނެ ފައިސާ ނެތުމުން މިހާރު ރިސޯޓުތަކުގައި ހުރި ސަޕްލައި ހުސްވުމުން ކަރަންޓީނު ކުރެވިފައިވާ މީހުނަށް އެތަކެތި ފޯރުކޮށްދެވެން ނޯންނާނެ ކަމަށާ އެހެން ނަމަވެސް ކުންފުންޏަށް ފައިސާ ލިބޭނަމަ އެކަންވެސް ކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް އެ ރިސޯޓުތަކުގައި ހުރި ކާބޯތަކެތި ހުސްވުމުން ސަރުކާރުން އެ ތަކެތި ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ގާސިމް ވަނީ އެދިލައްވާފައެވެ.

ތަފްސީލަށް ނުދިޔަ ނަމަވެސް ވިލާ ގުރޫޕަކީ އިންސާނިއްޔަތަށް އެހީވުމަށް މަސައްކަތްކުރާ ބައެއްކަން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެނގޭނެ ކަމަށާއި އެއްވެސް އިރެއްގައި ބާރުހުރިކަން ދައްކަން ނުވަތަ ބޮޑާކަން ދައްކަން ނޫޅޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ހާއްސަކޮށް މިވަގުތަކީ އެފަދަކަންކަން ދައްކަންވީ ވަގުތު ނޫން ކަމަށާއި ވިލާ ގުރޫޕުން މިހާދުވަސްވަންދެން ކުންފުނި ކުރިއަށް ގެންދިޔައީ މާލީ ތަނަވަސްކަން ލިބެމުން ދިއުމުން ކަމަށްވެސް ގާސިމްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ޔޫރަޕާއި އެމެރިކާފަދަ ތަންތަނުގައި މާލީ ދަތިކަން ކުރިމަތިވުމުން ކަންކަން ކުރާގޮތް ދިވެހި ރައްޔިތުންނަށްވެސް އެނގޭނެ ކަމަށާއި މާލީ ތަނަވަސްކަން ހުރި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ކުންފުނިތަކުންނާއި މުސާރަދޭ ފަރާތްތަކުން 20 އިންސައްތަ ދީފިނަމަ އަނެއް 80 އިންސައްތަ ސަރުކާރުން ހިލޭދޭ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. އަނބުރައި ދައްކަން މުއައްޒަފުންނަށް ދެނީ ލޯނު ނޫންކަމަށާއި ދިވެހި ސަރުކާރުގައި އެފަދަ ވަރެއް ހުރިނަމަ ޔަގީނުންވެސް ސަރުކާރުން އެގޮތަށް ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ގާސިމް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އައިސޮލޭޓް ފެސިލިޓީގެ ގޮތުގައި 1000 އެނދު ބޭނުންވާކަމަށް ވިދާޅުވެފައިވާ ކަމަށާއި އެކަމަށްޓަކައި ވިލާގެ ދެ ރިސޯޓުކަމުގައިވާ ރޯޔަލް އައިލެންޑާއި ފަންއައިލެންޑް ސަރުކާރަށް ދެއްވާފައިވާ ކަމަށާއި އިތުރަށް ބޭނުންވާނަމަ އެކަމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ވިލާގެ ރިސޯޓެއް ކަމަށްވާ ޕެރައިޑައިސް އައިލެންޑް ރިސޯޓުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނި އެ ރިސޯޓުން ސާމްޕަލް ނެގި 10 މީހުންގެ ނަތީޖާ ވެސް ވަނީ ނެގެޓިވް ވެފައެވެ. މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އާމްދަނީ ދަށަށް ދިޔުމާއެކު، ވިލާ އިން ވަނީ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރުމަށްވެސް ނިންމާފައެވެ. އެހެން ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައި ވަނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން އަނބުރާ ދިއުމުންނެވެ.