ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް މިއަދު ހަވީރުން ފަށައިގެން އެގައުމުގައި ކާފިއު އިއުލާން ކުރުމަށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލް ސައުދު އަމުރުކުރައްވައިފިއެވެ.
ސައުދީގެ ރަސްމީ ޚަބަރު ފަތުރާ (އެސްޕީއޭ)އިން އާންމުކޮށްފައިވާ ކާފިއުގެ އަމުރު ބުނާ ގޮތުގައި 1441 ވަނަ އަހަރުގެ ރަޖަބު މަހުގެ 28 ވަނަ ދުވަހުގެ އިރު އޮއްސި 07:00 އިން ފެށިގެން ފަތިހު 06:00 ގެ ނިޔަލަށް، ކުރިއަށް އޮތް 21 ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކުވެސް ސައުދީގައި އޮންނާނީ ކާފިއުގެ ހާލަތެވެ.
ސައުދީގައި ކާފިއު އިއުލާންކުރުމަށް ސަލްމާން ރަސްގެފާނު އަމުރުކުރައްވާފައި މިވަނީ، ކޮވިޑް-19އަށް އެގައުމުން މުޅިން އަލަށް 119 ކޭހެއް ޕޮޒިޓިވްވިކަން، ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު ސައުދީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 511 އަށް އަރައެވެ.
ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިން ބުނީ ކާފިއުގެ އަމުރު ތަންފީޒު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށާ، މަދަނީ އަސްކަރީ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ކާފިއުގެ އަމުރުން އިސްތިސްނާވާ ފަރާތްތަކުގެ ސިއްހީ އަދި ކާބޯތަކެތި ފަދަ އަސާސީ ހިދުމަތްތަކާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާ، ސިއްހީ ދާއިރާއާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނެއެވެ. މީގެ އިތުރުން ފެނާ ނަރުދަމާ އަދި މުއާސަލާތީ ހިދުމަތާ ގުޅުން ހުރި ދާއިރާގެ މަސައްކަތްތެރިންވެސް މި ކާފިއުއިން އިސްތިސްނާވަކަމަށް ސައުދީގެ ދާހިލީ ވުޒާރާއިން ބުނެއެވެ.
ސައުދީގައިވެސް ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، މިސްކިތްތަކުގައި ބަންގި ދިނުމަށް މުއައްޒިނުންނަށް ދަތުރުކުރެވޭނެ ކަމަށް، ދާހިލީ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ މެމްބަރުންނަށްވެސް ކައިރި ހިސާބުތަކަށާ، މިޝަން އޮފީސްތަކަށް ދަތުރުކޮށް އުޅެވޭނެ ކަމަށް ޚަބަރު ލިބެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީއިންވަނީ އުމްރާ ވިސާ ދޫކުރުމާ، ފަތުރުވެރިކަމުގެ ވިސާ ދޫކުރުންވެސް ވަގުތީ ގޮތުން ހުއްޓާލާ، ބައިނަލްއަގުވާމީ ފްލައިޓް އޮޕަރޭޝަންތައްވެސް މަޑުޖައްސާލާފައެވެ.