ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް 2 ކޭހެއް ގައްޒާއިން ފުރުތަމަ ފަހަރަށް ފެނިފައިވާކަން، ފަލަސްތީނުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު ޔޫސުފް އަބްދުލްރީޝް ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ފަލަސްތީނު 2 މީހުން ކަމަށާ، އެ 2 މީހުންނަކީވެސް ޕާކިސްތާނަށް ދަތުރުކުރުމަށްފަހު، ގައްޒާއާއި މިސްރު ހިއްސާކުރާ ރަފަހު ބޯޑަރުން އެތެރެވި 2 މީހުން ކަމަށެވެ. އެ 2 މީހުންވެސް ބޯޑަރު ހުރަސްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުލްރީޝް ވިދާޅުވީ 2 މީހުންގެ ހަށިގަނޑުންވެސް ކޮވިޑް-19ގެ އަލާމާތްތައް ފެންނަމުންދިޔަ ކަމަށެވެ. އެގޮތުން ގހިކި ކެއްސުމެއް ހުރުމާ، ގަދައަށް ހުން އައުން ފަދަ އަލާމާތްތައް ފެންމުންދިޔަ ކަމަށް އަބްދުލްރީޝް ވިދާޅުވިއެވެ.
ފަލަސްތީނަށް އެތެރެވުމާއެކު 2 މީހުންވެސް ގެންދެވުނީ ކަރަންޓީނު ފެސިލިޓީއަކަށް ކަމަށާ، ނަމަވެސް، އެ މީހުން މިހާރު ތިބީ ގައްޒާގެ ދެކުނު ސަރަހައްދީ އިމުގެ އަވަށެއް ކަމަށްވާ ރަފަހުގެ ހޮސްޕިޓަލެއްގައި ކަމަށްވެސް އަބްދުލްރީޝް ތަފްސީލުކޮށްދެއްވިއެވެ.
2 މިލިއަނެއްހާ މީހުންގެ އާބާދީއެއް ގައްޒާގައި އޮންނައިރު، ހުރިހާ ރަށްވެހިންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށާ، ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އިޖުތިމާއީ ޖިސްމާނީ ދުރުހެލިކަން ތަންފީޒުކުރުމުގެ ގޮތުން ހުރިހާ އެންމެންވެސް ގޭގައި މަޑުކުރުމަށް އަބްދުލްރީޝް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަނީ ހަމާސް ޖަމާއަތުން ކަމަށްވާއިރު، އެ ޖަމާއަތުންވަނީ ގައްޒާގެ ކެފޭ/ރެސްޓޯރަންޓް އަދި އާންމު އެއްވުންތައް ބާއްވާ މާލަންތައް ބަންދު ކުރުމަށް ނިންމާފައެވެ. ވަކި އެއްޗެއް އަންގަންދެން މިސްކިތްތަކުގައި ހުކުރު ނުކުރާންވެސް ވަނީ ނިންމާފައެވެ.
އިސްރާއީލުން ވެރިވެގެންފައިވާ ބިންތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ކަންކަމާ ބެހޭ އިސްރާއީލު އަސްކަރިއްޔާގެ ޔުނިޓް 'ކޯގާޓް'އިންވަނީ ހުޅަނގު އައްސޭރިއާއި ގައްޒާއިން އިސްރާއީލުން ވަދެވެން އޮންނަ ހުރިހާ މަގެއް މިއަދުން ފެށިގެން ބަންދުކޮށްފައެވެ. މި މަގުތައް ބަންދުކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. ހުއްދަ އޮވެގެން ސަރަހައްދީ އިން ހުރަސްކުރާ ވިޔަފާރިވެރިންނާ މަސައްކަތްތެރިންނަށްވެސް ދެން މި ފުރުސަތު ނޯންނާނެ ކަމަށާ، ނަމަވެސް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ޑޮކްޓަރުންނާ ނަރުހުން ފަދަ ސިއްހީ ހިދުމަތްތެރިންނަށް އިސްތިސްނާއެއް ލިބުން އެކަށީގެންވާކަމަށް ކޯގާޓްއިންވަނީ ބުނެފައެވެ.
ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުގައި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށްވެސް މި ހުއްދަ ލިބުމަކީ އިންތިހާއަށް ދަތިކަމެކެވެ. މިފަދަ ހުއްދަ އެއް ލިބެނީ ލޮޖިސްޓިކްސްގެ ގޮތުން ބަލާއިރު ދިގު މަރުހަލާއެއް ކަޑަތުކޮށްގެންކަންވެސް ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރެއެވެ.
"އަހަރަމެން މިތިބީ ވަރަށް ބިރުން"
ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުމުގެ މަސައްކަތް، ގައްޒާގެ ކަމާބެހޭ ފަރާތްތަކުން ފެށީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)އިން ކޮންޓްރޯލްކުރާ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު އާންމުކުރި ރެކޯޑްތަކަށް ބަލާއިރު ގައްޒާގެ ދެކުނުގައި 20 ކަރަންޓީނު ފެސިލިޓީއެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސްކޫލްތަކާ، ހޮޓާތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭއިރު، މި ތަންތަނުގައި މިހާރުވެސް 1200 އެއްހާ މީހުން އެބަތިއްބެވެ. މީގެ އިތުރުން އެކި ހިސާބުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އައި 2000 އެއްހާ މީހުން އަމިއްލައަށް ގޭގައި އައިސޮލޭޓްވެގެން އެބަތިބިކަމަށްވެސް މައުލޫމާތު ލިބެއެވެ.
އުއްމު މުޙައްމަދު ޚަލީލަކީ ރަފަހުގައި ކަރަންޓީނުކޮށްފައި ހުރި މީހެކެވެ. އޭނާ ކަރަންޓީނަށް ދާންޖެހުނީ ހުސްވި ހަފުތާގައި މިސްރަށް ކުރި ކުރު ދަތުރަކަށްފަހުގައެވެ. އުމުރުން 49 އަހަރުގެ އުއްމުއަކީ، ސާފުތާހިރު ކަމުގެ މިންގަނޑުތަކަށް އެކަށީގެން ނުވާ ދަން ފަންތިއެއްގައި ހުރި ސްކޫލެއްގައި ކަރަންޓީނުކޮށްފައިވާ 50 އަކަށް މީހުންގެ ތެރެއިން އެކަކެވެ. 1 ކޮޓަރީގައި 7 މީހުންވެސް އެބަތިބި ކަމަށް ޚަބަރު ލިބެއެވެ.
ބައިނަލްއަގުވާމީ މިޑީއާއަކަށް އުއްމު ކިޔައިދިން ގޮތުގައި، ގައްޒާއިން ކޮވިޑް-19އަށް ޕޮޒިޓިވް 2 ކޭހެއް ފެނުމާއެކު، ކަރަންޓީނުގައި ތިބި މީހުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.
"އަހަރަމެން މިތިބެނީ ވަރަށް ބިރުން... އަހަރަމެންގެ ތެރޭގައިވެސް އިންފެކްޓްވެފަ މީހަކު ހުރެދާނެތީ. އަހަރަމެން މިހާރުވެސް ގޮވާލަމުން މިދަނީ، ކަރަންޓީނު ފެސިލިޓީތަކުގެ ހާލަތަށް މިއަށްވުރެ ރަނގަޅުކޮށްދިނުމަށް" އުއްމު ބުންޏެވެ.
އުއްމު ބުނި ގޮތުގައި ގައްޒާއަކީ ގިނަ ހަނގުރާމަތަކާ ކާރިސާތަކެއް ތަޖުރިބާކޮށްފައިވާ ތަނެކެވެ. ނަމަވެސް މި ބަލިމަޑުކަމުގެ ތަކުލީފު އުފުލިދާނެ ކަމާ މެދު އޭނާވެސް ސުވާލު އުފައްދައެވެ.
ގައްޒާ އަދިވެސް އަޅުވެތިކަމުގަ
ގައްޒާގެ ސިއްހީ ނިޒާމު މިހާރުވެސް އޮތީ އިނދަޖެހިފައެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ގައްޒާގެ ރައްޔިތުން ތިބީ ނާޒުކު ހާލެއްގައެވެ. ސަރަހައްދީ އިން ހިއްސާކުރާ އިސްރާއީލާ މިސްރުން ކުރިމަތިކުރަމުންދާ ފިއްތުންތަކުގައި ގައިދުވެގެން ދިރިއުޅެމުންދާތާ 13 އަހަރުވެއްޖެއެވެ.
އެއްގަމާ،ކަނޑު އަދި ވައިގެ މަގުން ގައްޒާ އޮތީ ބައްދާލާފައެވެ. ސިއްހީ ބޭސްފަރުވާއަށް ބޭނުންވާ ސާމާލާ، ސިއްހަތާ ގުޅުންހުރި އެކިކަހަލަ އަލާތްތަކުގެ އިތުރުން އިމާރާތްތަކަށް ބޭނުންވާ ސާމާނުވެސް ގައްޒާއަށް އެތެރެއެއް ނުކުރެވެއެވެ.
2007 ވަނަ އަހަރުން ފެށިގެން 3 ފަހަރެއްގެ މަތިން އިސްރާއީލުގެ ވަރުގަދަ އުދުވާންތައް ގައްޒާއަށް ވަނީ އަމާޒުވެފައެވެ. އާންމު ދިރިއުޅުމުގެ އުމްރާނީ ތަރައްގީ ވަނީ ސުންނާފަތިވެފައެވެ. ސިއްހީ ހިދުމަތްދޭ ތަންތަނާ ހަކަތަ ފޯރުކޮށްދޭ ތަންތަންވެސްމެއެވެ.
ގައްޒާގެ އޮފީސްތަކާ އާންމުން ދިރިއުޅޭ ގެތަކުގެ އިތުރުން ހޮސްޕިޓަލުތަކަށްވެސް ކަރަންޓު ލިބެނީ 24 ގަޑިއިރުގެ ތެރެއިން 6 ގަޑިއިރަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަށް ގައްޒާގެ ސިއްހީ ނިޒާމު ތައްޔާރު ނޫންކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ދީފައެވެ.
ކަންމިހެން އޮތް ނަމަވެސް ގައްޒާގެ ޑޮކްޓަރުން ދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ފުރަތަމަ 2 ޕޭޝަންޓުންނާ ކޮންޓެކްޓްވި އިތުރު މީހުން ޓްރޭސްކޮށް، އެމީހުންގެ ޓެސްޓުތައްވެސް ހަދަމުންނެވެ. މިކަމާ ކުރިމަތިލުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ޚުދު ޑޮކްޓަރުންވެސް ގަބޫލުކުރެއެވެ. ދުނިޔޭގެ އެންމެ ބޮޑެތި އަދި ނުފޫޒު ގަދަ ގައުމުތަކުން ގައުމުތަކުން ތަކުލީފު އުފުލަމުންދާއިރު ގައްޒާއިން މިކަން ތަހައްމަލުކުރާނީ ކިހިނަކުންތޯ ސުވާލު އުފެދެއެވެ.
މިފަދަ ހާލެއްގައި ގައްޒާ ވަނިކޮށް ޕޮޒިޓިވް 2 ކޭހެއް ފެނުމާއެކު ގައްޒާގެ ރައްޔިތުންގެ ހިތުގައި އިންތިހާ ބިރުވެރިކަން ވަނީ އުފެދިފައެވެ. މިއީ އެމީހުންގެ ނިމުން ކަމަށް، ތޮއްޖެހިފައިވާ އަނގަމަތި ހާ ޖަލެއް ފަދަ ގައްޒާގެ ބައެއް ރައްޔިތުން މިހާރު ދަނީ ގަބޫލުކުރަމުންނެވެ.