ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ޓެސްޓުކުރަން ބޭނުންވާ މީހުންގެ އަދަދު ކެނޑިނޭޅި އިތުރުވަމުންދާއިރު ކުރިއަރާފައިވާ އެންމެ ނުފޫޒު ގަދަ އަދި އެންމެ މުއްސަނދި ގައުމުތަކުގެ ސިއްހީ ނިޒާމަށްވެސް ދަނީ ލޮޅުންތަކެއް އަރަމުންނެވެ.
ޝައްކު ކުރެވޭ ކޭސްތައް ޓެސްޓުކޮށް ނަތީޖާ ނެރުމަށް ޚުދު އެމެރިކާވެސް ނުކުޅެދެމުންދާއިރު، މިކަމަށް ލުޔެއް ހޯދުމުގެ ގޮތުން، ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަކޮށްގެން އޮންލައިން ބޮޓެއް މިހާރު މިވަނީ ތައާރަފުކޮށްފައެވެ.
'ކްލެރާ'ގެ ނަން ދީފައިވާ މި ބޮޓް ތައާރަފުކުރި އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިންނެވެ.
ސީޑީސީއިން ބުނީ މިއީ އެއްވެސް ހާލެއްގައި ކޮވިޑް-19އަށް ޓެސްޓުކޮށް، ބަލިހުރިކަން ކަށަވަރުކުރުމަށް ގާއިމުކުރި ޕްލެޓްފޯމެއް ނޫންކަމަށާ، ނަމަވެސް މިއީ ހޯދަންޖެހޭ ސިއްހީ ފަރުވާ ހޯދުމަށް އާންމުންނަށް އިރުޝާދުދީ، ދާންވީ ރަނގަޅު މިސްރާބު ބަޔާންކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ.
'ކްލޭރާ' ފަރުމާކޮށްފައިވަނީ ޝައްކު ކުރެވޭ މީހާއާއި ގިނަ ސުވާލުތަކެއް ކޮށްގެން، ވަކި މިސްރާބަކަށް އެމީހާއަށް މަގުދައްކާ އުސޫލުންނެވެ. އެގޮތުން ނޭވާލާން ދަތިވޭތޯއާ ނޭވާ ކުރުވުން ކަހަލަ އުނދަގުލެއް ކުރިމަތިވޭތޯ ފަދަ ސުވާލުތައް 'ކްލޭރާ' ކުރިމަތިކުރެއެވެ.
މީގެ އިތުރުން އެމެރިކާގައި އެމީހަކު ހުރި ތަނެއްވެސް 'ކްލޭރާ' ދެނެގަނެއެވެ. އަދި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ މީހެއްތޯވެސް 'ކްލޭރާ'ގެ އެހީގައި ހޯދެއެވެ.
މިކަންކަމަށް ބެލުމަށްފަހު ކްލޭރާ ދޭ އިރުޝާދުތަކުގެ ތެރޭގައި އެމެރިކާގެ އެމާޖެންސީ ނަމްބަރަށް ވަގުތުން ގުޅުމުން ފެށިގެން ގޮސް، 24 ގަޑިއިރުގެ ތެރޭގައި ސިއްހީ އެހީދޭ މީހެއްގެ ސަމާލުކަމަށް އެކަން ގެނައުން ފަދަ އިރުޝާދުތައް ހިމެނެއެވެ.
މިފަދަ އޮންލައިން ނިޒާމެއް ތައާރަފުކުރުމާއެކު ސިއްހީ އެކި ބޭނުންތަކުގައި ގެއިން ބޭރަށް ނިކުމެ އުޅޭ މީހުންގެ އަދަދު އެތައް ގުނައެއް މަދުކުރުމުގެ ފުރުސަތު އޮވެއެވެ. އަދި ބަލި ފެތުރުން ކުޑަވެއެވެ. ހަމަ މިއާއެކު ހޮސްޕިޓަލަށް ކުރިމަތިވެގެންދާ ޕްރެޝަރުވެސް އިންތިހާއަށް ކުޑަކުރެވެއެވެ.