މާލެސިޓީގައި މި ދުވަސް ވަރު ކަށުނަމާދު ކުރާނީ ހަމައެކަނި ދެ މިސްކިތެއްގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ދެ މިސްކިތުގައި ކަށުނަމާދު ކުރާނީ މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ. ކަށުނަމާދު ކުރާނެ ދެ މިސްކިތަކީ އާސަހަރާ މިސްކިތަކާއި ހުޅުމާލެ ސަހަރާ މިސްކިތެވެ. މާލެސިޓީ ކައުންސިލުން ބުނީ އެ ދެ މިސްކިތުގައި ކަށުނަމާދު ކުރެވޭނީ ބަންގި ގޮވާތާ ބައިގަޑިއިރުވާ ފަހުން ކަމަށެވެ. އަދި މައްޔިތާ ސަހަރާއަށް ގެންދިއުމަށް ފަހު ވީ އެންމެ އަވަހަކަށް ކަށުނަމާދުކޮށް ވަޅުލުމުގެ ކަންކަން ނިންމުމަށް ސިޓީ ކައުންސިލުން އިލްތިމާސްކުރެއެވެ.

ރާއްޖެއިން ނުރައްކާތެރި ކޮވިޑް19 ވައިރަސް ފެނިފައިވުމާ ގުޅިގެން ސަރުކާރުން ވަނީ މީހުން ގިނައިން އެއްވާ އެއްވުންތަކާއި ގިނަ މިހުން އެއްވެގެން ކުރާ ކަންކަން ނުކުރުމަށާއި ޖަމާއަތް ހަދައިގެން މާލޭގެ މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައެވެ. މިކަންކަން ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ކޮވިޑް19 ގެ ސަބަބުން ސޯޝަލް ކޮންޓެކްޓު މަދު ކުރުމުގެ ގޮތުންނެވެ.

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވާއިރު ކެފޭ ރެސްޓޯރެންޓުތަކާއި ޑައިން ކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި މާލެސިޓީގެ ޕާކުތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދު ކޮށްފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހުނީ 13 މީހަކަށެވެ. ނަމަވެސް އޭގެތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.