ގާތްގަނޑަކަށް 45 މިނެޓް ތެރޭގައި ނަތީޖާ ލިބޭ ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓް ކިޓް ބޭނުންކޮށްގެން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޓެސްޓުކުރުމުގެ ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ފުރަތަމަ ފަހަރަށް ދީފިއެވެ.

މި ޓެސްޓް ކިޓް އުފެއްދި، ކެލިފޯނިއާގެ ކުންފުންޏެއް ކަމަށްވާ ސެފީޑްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ހުއްދަ ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، ބާޒާރުތަކަށް މި ކިޓް ޝިޕްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސެފީޑްގެ ޗީފް މެޑިކަލް ޓެކްނޮލޮޖީ އޮފިސާ ޑރ ޑޭވިޑް ޕާސިންގް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ހޮސްޕިޓަލުތަކަށް ބާރު ބޮޑުވަމުންދާއިރު، ވީހާވެސް ވަގުތު ސަލާމަތްކޮށްދެނިވި ގޮތެއްގައި ބަލި ދެނެގަނެވޭނެ އިންތިޒާމު، ކުލިނިކުތަކަށް ކޮންމެހެން ބޭނުންވާ ކަމަށެވެ.

ޑރ ޕާސިންގް ވިދާޅުވީ، ބަލި މީހާއާއި ވީހާވެސް ގާތުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ނެރެވުމަކީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަވެ، ސިއްހީ ފަރުވާ ތަންތަނުގައި ހުރި ނޭވާލާ ނިޒާމުގެ ބަލިތަކާ ގުޅޭ އާލާތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށް މަގުތަނަވަސްކޮށްދޭނެ ކަމެއް ކަމަށެވެ.

ޓެސްޓުގެ ނަތީޖާ އަވަހަށް ލިބުމަކީވެސް ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެންމެ ކުރިއަރާފައިވާ އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު ކޮވިޑް-19އަށް ހަދާ ޓެސްޓުތަކުގެ ނަތީޖާ އެންމެ އަވަހަށްވެސް ކަށަވަރުވާން 24 ގަޑިއިރު ބޭނުންވެއެވެ. ނުވަތަ 4 ދުވަހަށްވެސް މިކަން ދިގުލާދެއެވެ. މިއީ ބަލައިގަނެވޭނެ ހާލަތެއް ނޫންކަމަށް، އެގައުމުގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމެރިކާގެ ސިއްހީ ވަސީލަތްތައްވެސް ހުސްވުމުގެ ސިގުނަލްތައް ލިބެމުންދާއިރު ކޮވިޑް-19އަށް އެގައުމުގައިވެސް ޓެސްޓު ކުރަމުންދަނީ ބަލީގެ އަލާމާތްތަކާ ނިޝާންތައް ފެންނަ މީހުން އެކަންޏެވެ. އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްވަނީ ނިޝާންތައް ނުފެންނަ މީހުން މިވަގުތު ޓެސްޓު ނުކުރުމަށް ގޮވާލައްވާފައެވެ.