މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. 7 ބިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް މި ދުނިޔޭގެ މަސްރަހުން މިހާރު ފެންނަނީ މާޔޫސްކަމެވެ. މީގެ ތިން ހަތަރު މަސް ކުރިއަށް ބަލާއިރު ފިތިބާރުވެ ތޮއްޖެހިފައިވާ ތަންތަން މިއަދު ވަނީ ފަޅު ސަހަރާތަކަކަށްވެފައެވެ. މީހެއްގެ ހިލަމެއް ނެތެވެ. ދިރުމެއް ނެތެވެ. އަބަދުމެހެން ކޮންމެވެސް ހިސާބަކުން އިވެމުންދިޔަ ނަމާދުގެ އަޑު ވަނީ އޮބިފައެވެ.

މި ހިތްދަތި ހާލަށް ދުނިޔެ ވެއްޓުނީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް(ކޮވިޑް-19) ގެ ސަބަބުންކަން އޮޅިފައިވާނެ މީހަކު މިއަދު މި ދުނިޔެއަކު ނެތެވެ. މިއީ ފަހުގެ ތާރީހު ނުވަތަ ފާއިތުވީ ގަރުނެއްހާ ދުވަހަށް ބަލާއިރުވެސް މިފަދަ ބަލިމަޑުކަމެއްގައި މުޅި ދުނިޔެ އިނދަޖައްސާލި ފަހަރުވެސްމެއެވެ. ވީއިރު މި ހިތާމައިން އަރައިގެނެ، ހިންދެމިލެވެން އޮތީ ކޮން ދުވަހަކުން ތޯ، މިއީ ކޮންމެ މީހަކުވެސް މިއަދު ހިތާހިތާ ނަމަވެސް ކުރަމުންދާ ބޮޑު ސުވާލެކެވެ.

ތަޖުރިބާކާރުންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަދު ދުނިޔޭ ޖެހިފައި މިވާ ގަދަ އޮއެވަރުގައި އެތައް ދުވަހެއް ވަންދެން ފަތަފަތާ އޮންނަންޖެހިދާނެއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކަކީ މާ ދިގުމުއްތަކަކަށް ތަންފީޒުކުރަން އެންމެ އެކަށީގެންވާ ފިޔަވަޅުތަކެއް ނޫނެވެ. މިހާރު ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު ކޮވިޑް-19ގެ ޝިކާރައިގެ ލިސްޓުން އުނިކަމެއް ފެނުނު ނަމަވެސް، ހަގީގީ ނިމުން އަދި އޮތީ މާ ދުރުގައެވެ.

ވެކްސިންއެއް އުފެއްދުމުގެ މަސައްކަތުގައި ލެބެއްގައި ޓެކްނީޝަނަކު ހަރަކާތްތެރިވަނީ/ފޮޓޯ: ބީބީސީ

ގައުމުތަކަށް މިއަދު ބޭނުންވަނީ ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްވާނެ ދޮރެކެވެ. އެ ދޮރުން ނިކުންނާނެ އިސްތިރާޖެކެވެ. މިހާރު ތަންފީޒުކުރަމުންދާ އިގުތިސޯދީ އަދި އިޖުތިމާއީ މަޑުޖައްސާލުމާ އެކަހެރިކަމުގެ ފިޔަވަޅުތަކަކީ ތާ އަބަދަށް ތަންފީޒުކުރެވޭނެ ފިޔަވަޅުތަކެއް ނޫންނެވެ. އިސާހިތަކު ގައުމުތައް އިނދަޖެހިދާނެއެވެ. ކަންމިހެން ވެއްޖެނަމަ މި އޮއެވަރުން ސަލާމަތްވާން އަދިވެސް އިތުރު އަހަރުތަކެއް ހޭދަވުން އެކަށީގެންވެއެވެ.

ވެކްސިން

ބަލިތަކުން ދިފާއުވުމަށް ހަށިގަނޑު ތައްޔާރުކޮށްދޭ ވެކްސިންގެ ޑޯޒެއްހާ މިންވަރުވެސް ކޮވިޑް-19އަށް ހާއްސަކޮށްގެން އަދި ކަށަވަރެއް ނުކުރެވެއެވެ. އިންސާނުންގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ވެކްސިން ޓެސްޓުކުރަން ފެށިތާ އަދި ހަފުތާއެއްހާ ދުވަސްވީއިރު، މިއީ ކާމިޔާބު ވެކްސިންއެއްކަން އަދި ބުނާކަށް ނޭނގެއެވެ. ކާމިޔާބުވި ކަމުގައި ވީ ނަމަވެސް އާންމުންނާ ހިސާބަށް ވެކްސިން އަންނާނީ އަދި ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

އެކި ގައުމުތަކުގެ ތަޖުރިބާކާރުން ދަނީ ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފަރުވާއެއްވެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިކަންކަން ކުރަމުންދަނީ ތާރީހު ދެކެފައިނުވާފަދަ ހަލުވި މިނެއްގައެވެ. ނަމަވެސް، މިއިން އެއްވެސް ކަމުގައި ކަށަވަރު ސިއްކަޖަހާލެވޭ ވަރެއް އަދި ނުވެއެވެ.

ޔުނިވާސިޓީ އޮފް އެޑިންގްބާގެ ޕްރޮފެސަރެއް ކަމަށްވާ މާކް ވޫލްހައުސް ވިދާޅުވީ، ވެކްސިނެއްގެ އިންތިޒާރުގައި މަޑުކޮށްގެން ތިބޭ ތިބުމަކީ ކޮވިޑް-19އިން އަރައިގަތުމަށް ބޭނުންކުރާ އިސްތިރާޖެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޗީފް ސައިންޓިފިކް އެޑްވައިޒާ ޕެޓްރިކް ވޮލާންސް ވިދާޅުވީ، މިފަދަ ކަންކަމަކީ ވަކި ޓައިމްލައިނެއްގެ ތެރެއަށް ފައްތާލެވޭނެ ކަންކަމެއް ނޫންކަމަށެވެ.

ސައިންސްވެރިން ބުނާ އަނެއް ގޮތަކީ މުޖުތަމައުގެ ގިނަ ބަޔަކު އިންފެކްޓްވުމުގެ ސަބަބުން އެ އާބާދެއްގައި މި ބަލިން ދިފާއުވާނެ އިމުއުނިޓީ ވަރުގަދަ ވުމެވެ. އެކަމަށްވެސް ދެ އަހަރެއްހާ ދުވަސް ހޭދަވާއިރު، ކޮވިޑް-19އަކީ އެއް ފަހަރު ޖެހުމަށްފަހު ދެވަނަ ފަހަރަށްވެސް ޖެހޭ ރޯގާއެއްކަން ފާހަގަކުރަންޖެހެއެވެ. އަދި މި ވައިރަހާ މާ ބޮޑު މައުލޫމާތެއްވެސް އަދި ނުލިބި އޮތުމުން މިއީ އެކަމަށް ބަރޯސާވެގެން ތިބެންވީ ކަމެއްވެސް ނޫނެވެ.

ބޭސްފަރުވާ

ކޮވިޑް-19އަށް ހާއްސަ ބޭހެއްވެސް އަދި ތައާރަފުކުރެވިފައެއް ނެތެވެ. ތަރައްގީވެފައިވާ ގައުމުތަކުގައިވެސްމެއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވުމުން، މިހާރު ފަރުވާ ދެމުންދަނީ އެ ބަލިން ފެންނަ އަލާމާތްތަކަށެވެ. ކަންމިހެން އޮތްއިރު، މެލޭރިއާއަށް ފަރުވާ ކުރުމުގައި ބޭނުންކުރި ޑްރަގެއްގެ އެހީގައި ކޮވިޑް-19އަށް ފަރުވާއެއް ލިބެމުންދާ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. މެލޭރިއާ ބޭހުގެ އިތުރުން އެޗް.އައި.ވީ ޕޭޝަންޓުންނަށްދޭ ބޭހެއްގައިވެސް މިފަދަ ނިޝާންތަކެއް ހުރުމާއެކު އޮސްޓްރޭލިއާ ފަދަ ގައުމުތަކުން މިހާރުވެސް ދަނީ ކޮވިޑް-19އަށް ފަރުވާ ކުރުމުގައި މި ބޭސްތައް ބޭނުންކުރަމުންނެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންނަށް ސިއްހީ ފަރުވާދެމުން ދަނީ / ފޮޓޯ: އޭނިއުސް24

ކޮވިޑް-19އަށް ހާއްސަ ބޭހެއް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް ކަނޑައަޅާފައެއް ނެތެވެ. ނަމަވެސް އިސްދެންނެވުނު ބޭސްތަކާ، އެފަދަ ފަރުވާތަކަކާއެކު މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން 95000އަށްވުރެ ގިނަ މީހުން ވަނީ މި ބަލިން ފަސޭހަވެފައެވެ. މި ކުޑަކުޑަ ދިވެހި ރާއްޖެއަށް ބަލާލި ކަމުގައި ވީ ނަމަވެސް، ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 3މީހެއްގެ ސާމްޕަލް މިހާރު ނެގެޓިވް ކަމަށް ވަނީ ދައްކާފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި ބަލިން ދިފާއުވުމަށް ދިގު މުއްދަތުގެ ރާސްތާއަކަށް ވިސްނާނަމަ އޮތީ ވެކްސިންއެވެ. ނަމަވެސް މިވަގުތަށް އޮތީ، ގައުމުތަކުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކަށް ބޯލަނބާ، ސިއްހީ މާހިރުންނާ ތަޖުރިބާކާރުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ސީދާ ދުވަހެއް އަދި ނޭނގުނު ކަމުގައި ވީ ނަމަވެސް، ދުއާކޮށް އީމާންކަން ވަރުގަދަކޮށް ސާބިތުކަމާއެކު ދެމިހުރުމެވެ.