ރޯދަމަސް ގާތްވެފައި އޮތް އިރު މިދުވަސްކޮޅަކީ ގޭގައި ތިބެގެން ނުހިފި ހުރި ރޯދަތައް ހިފުމަށް އޮތް ފުރުސަތެއް ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދަޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރި ނަމަވެސް މީހުން ބޭރުތެރެއަށް ނުކުމެ އުޅޭލެއް މަދުނުވާ ކަަން ފާހަގަކުރެއްވޭ ކަމަށެވެ. މި ވަގުތު ކެފޭ އަދި ރެސްޓޯރަންތަކަށް އާންމުން ދިއުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާއިފައި ވީ ނަމަވެސް ބަންދު ދުވަހެއްގެ ގޮތުގައި ދެކިގެން އާއިލާ މީހުންނަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުވާ ކަމަށާއި ކުޑަކުދިން ފޫހި ފިލުވަން ތިމާގެ ކުދިން ކައިރިއަށް ގެންދާތަން ފެންނަ ކަމަށެވެ.
އިޖުތިމާއީ ގައިދުރުކަން ހިފެހެއްޓުމަށްޓަކައި މިވަގުތު ގޭގައި ތިބުމަކީ މުހިއްމު ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ގޭގައި "އިށީނދެގެން" ތިބުމަށް އިލްތިމާސް ކުރައްވަމުން މަބްރޫކް ވިދާޅުވީ މި ދުވަސްވަރަކީ ރޯދަ މަސް ގާތްވެފައި އޮއްވާ ނުހިފި ހުރި ރޯދަތައް ހިފަން ރަނގަޅު ދުވަސްވަރެއް ކަމަށެވެ. ނުވަތަ ފޮތެއް ކިޔާލަން ބޭނުންވާ މީހަކު ފޮތެއް ކިޔާލައި ނުވަތަ ކުރަހަން ބޭނުންވާ ފަތާރެއް ކުރަހާލަން އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީފާގައި އަވަދިނެތި އުޅެން ޖެހުމުން ނުކުރެވި ހުރި ކަންތައްތަކަށް ސަމާލުކަން ދީގެން ގޭގައި ތިބެގެން ކުރެވެން ހުރި ކަންކަން ކުރުމަށް އިސްކަން ދީގެން ހުރިހާ އެންމެން ގޭގައި ތިބުމަށް މަބްރޫކް ގޮވާލެއްވިއެވެ.
މިހާރުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މީހުން ތިބޭތަން އަންނަނީ އާންމުކޮށް ފެނަމުންނެވެ. މަގުމަތީގެ ކާރޫބާރު ބޮޑުތަނުން ކުޑަވާތަނެއް އަދި ނުފެނެއެވެ. މީހުން ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށް މީހުންނާ ބައްދަލުކޮށް ހަދާ ނަމަވެސް 6 ފޫޓުގެ ދުރުކަމެއް ބެހެއްޓުމަށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ރޯދަމަސް ފެށުމަށް މަހަކަށް ކުޑަތަން ވެފައި ވާއިރު ރޯދަމަަހަށް ތައްޔާރު ވުމުގެ ގޮތުން ދިވެހިންނަކީ އާންމުކޮށް ގިނަ ކަންތައްތައް ކުރާ ބައެކެވެ. އެގޮތުން ރޯދަމަސް ފެށެން ވާއިރަށް ބަދިގެ ސާމާނުތައް ބަދަލުކޮށް ގޭގައި ކުލަލައި ޒީނަތްތެރި ކުރުމަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ.