ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރުމުން ފެން ކަނޑާލައި ތަޅުލި މިސްކިތްތަކަށް މިހާރު ހިދުމަތް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާލުވެއްޖެއެވެ.
މިމަހުގެ 18 ވަނަ ދުވަހު ކޮވިޑް-19 އާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ، ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އަންގާފައެވެ. ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލި ނަމަވެސް، މިސްކިތްތަކައް މީހުން އަރާ ނަމާދުކުރުން މަނާކޮށްފައެއް ނުވެއެވެ.
ނަމަވެސް އެކަމާ ގުޅިގެން ބައެއް މިސްކިތްތަކުގައި ތަޅުއަޅުވާ، ފެންކަނޑާލާފައި ހުރުމުން އެކަމާ އާންމުންގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ވިދާޅުވިކަމަށް ރާއްޖެއެމްވީގައި ބުނެފައިވަނީ ބަންދު ކުރީ ކާޕެޓް އަޅާފައި ހުރި މިސްކިތްތަކުގައި ކާޕެޓް ނެގުމުގެ މަސައްކަތައް ކަމަށެވެ. އަދި ފެނުގެ ހިދުމަތް ކަނޑާފައިވާ މިސްކިތް ތަކަށް ސިޓީ ކައުންސިލާ ގުޅިގެން މިހާރު ފެން ގުޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުވެސް މިސްކިތްތަކަށް ބިދޭސީން ނަމާދުކުރަން ޖަމާއަތުގައި ވަނީ އަރާފައެވެ. މިކަމަށް އަލި އަލުއްވާލައްވަމުން ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ އެކަން ބެލި އިރު ޖަމާއަތުގައި ނަމާދަށް އަރަން މަނާކޮށްފައިވާ ކަން އެ މީހުންނަށް އެނގިފައި ނުވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމަުން ބިދޭސީން ގެންގުޅޭ ފަރާތަކުން ނުވަތަ ކުންފުނިތަކުން އެފަރާތްތަކަށް ކޮވިޑް-19އާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމަށް މަބްރޫކް ވަނީ އިލްތިމާސްކުރައްވާފައެވެ.
ބިދޭސީންނަށް ކޮވިޑް-19 އާ ގުޅިގެން އެނެމ ފަހުގެ މައުލޫމާތުތައް ފޯރުކޮށް ދިނުމުގައި އެންމެ ބޮޑު ދަތިކަމެއް އުޅެނީ ބިދޭސީންނަށް މައުލޫމާތު ދިނުމުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާ ގުޅިގެން ކޮވިޑް-19ގެ އަޕްޑޭޓް މެސެޖްތައް ބިދޭސީންގެ ފޯނުތަކަށް އެ ބިދޭސީއެއްގެ ބަހުން ފޯރުކޮށްދެމުންދާ ކަމަށް މަބްރޫކް ކުރިން ވަނީ ވިދާލުވެފައެވެ. ނަމަވެސް އެއްފަހަރާ އެތައް ބައިވަރު ބަޔަކަށް މެސެޖް ފޯރުކޮށް ދޭ އިރު ލަސްތަކެއް އުޅޭ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ނަމާދަށް ފަހު މިސްކިތުގައި ބަންގި ދީފައި ވަނީ ގޭގައި ތިބެގެން ނަމާދު ކުރުމަށް ގޮވާލަމުންނެވެ.