ރާއްޖޭއިން ބޭރުގައި މިހާރު ތިބި ދިވެހިންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލުއި ގޮތައް ހޯދައި ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަސް ފޮރިން މިނިސްޓްރީން ބުނެފިއެވެ،
އެ މިނިސްޓްރީން ބުނީ، މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް އެނބުރި ދަތުރު ކުރާ އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް، މި މިނިސްޓްރީންނާއި ބޭރު ގައުމުތަކުގައި ގާއިމް ކުރެވިފައިވާ ރާއްޖޭގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތަކުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
އަދި މި ދަނޑިވަޅުގައި ބޭރު ގައުމުތަކުގައި ދިރިއުޅުމުގަ އާއި ބޭރު ގައުމުތަކުން ދަތުރު ކުރުމުގައާއި އެ ގައުމުތަކަށް ދިއުމުގައި ބައެއް ކަހަލަ ދަތިތައް ހުރިކަން ފާހަގަކުރަމުން ފޮރިން މިނިސްޓްރީން ބުނީ އެފަދަ ދަތިތަކާ ގުޅޭ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދީ، ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ބައެއް ކަހަލަ ދަތިތައް ދިމާވާނެކަން އެންމެންވެސް ގަބޫލުކުރާނެކަން ފޮރިން މިނިސްޓްރީން ޔަގީންކުރާ ކަމަށް ބުނެއެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓާ ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ނިންމާފައެވެ. އެހެންކަމުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަންބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ފޮރިން މިނިސްޓްރީ އަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް ފޮރިން މިނސިްޓްރީން އެދެއެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި އަދި ބޭރު ގައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމެއްގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.