މަނާކޮށްފައި ވަނިކޮށް ރިސޯޓުން ފުރައިގެން ފުވައްމުލަކަށް ދިޔަ ދެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، މާލެ އަތޮޅު ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ 2 މުވައްޒަފުން ރިސޯޓުން ފުރުން މަނާ ކޮށްފައި ވަނިކޮށް، މިމަހުގެ 19 ވަނަ ދުވަހު އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އަށް ދަތުރުކޮށް، އިއްޔެ ރޭގެ ފްލައިޓުން ފުވައްމުލަކު ސިޓީއަށް އައިސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެމީހުން ވަނީ ފުވައްމުލަކު ސިޓީ އިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. މި މައްސަލާގަިއ ހައްޔަރު ކޮށްފަައިވަނީ އުމުރުން 29 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ފުލުހުން ބުނީ ދިވެހި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އަލަމުންދާނެ ކަމަށެވެ.