މުޅި ދުނިޔެއަށްހެން ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑަ-19)ގެ ބަލިމަޑުކަމާއެކު ގައުމުތަކުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ (ޖީޑީޕީ) ދުނިޔޭގެ ނިސްބަތުން ބަލާއިރު އިނދަޖެހިފައި ވާކަމަށް، އެންމެ ފުންނާބު އުސް ކްރެޑިޓް ރޭޓިންގް ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ ފިޗް ރޭޓިންގްސްއިން ބުނެފިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރު ނުވަތަ އަހަރުގެ ފުރަތަމަ 3 މަސްދުވަހަށް ހާއްސަކޮށްގެން ފިޗް ރޭޓިންގްސްއިން އާންމުކޮށްފައިވާ 'ގްލޯބަލް އިކޮނޮމިކް އައުޓްލުކް' ރިޕޯޓަށް ބަލާއިރު، ދުނިޔޭގެ އިގުތިސޯދީ އުފެއްދުންތެރިކަން، 2019 ވަނަ އަހަރު އޮތް 2.7 ޕަސެންޓްއިން 1.3 ޕަސެންޓަށް ދަށަށް ދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮވިޑް-19ގެ ކޭސްތައް ފުރަތަމަ ފެންނަން ފެށީ ޗައިނާގެ އިގުތިސޯދީ ހަރަކާތްތައް މަޑުޖެހުމާ، މި ބަލި މިހާރު އެންމެ ނުރައްކާ ދަރަޖައެއްގައި އޮތް އިޓަލީވިލާތުގެ އިގުތިސޯދީ ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް އައިސްފައިވަނީ، ހަނގުރާމަތަކާ، ގުދުރަތީ އަދި މާލީ ކާރިސާތައް އިސްތިސްނާ ކުރުމަށްފަހު ތާރީހު ނުދެކޭ ވަރުގެ ހަލުވި ދުވެއްޔެގައި، އެހާމެ ބޮޑަށް ކަމަށްވެސް ފިޗް ރޭޓިންގްސް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކުގެ ސަޕްލަޔަރެއްގެ ގޮތުގައި އޮތް ޗައިނާއަށް ވަކިން ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކޮންމެވެސް ވަރެއްގެ ހެޔޮ ނިޝާންތަކެއް ފެންނަން ފެށި ކަމުގައި ވީ ނަމަވެސް، މުޅި އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ އިގުތިސޯދު ކުރިއަރާ ދާނެ ކަމަށް ލަފާކޮށްފައިވަނީ އެންމެ 3.7 ޕަސެންޓްއަށެވެ. މިއަދަދު 2019 ވަނަ އަހަރު އުޅުނީ 6.1 ޕަސެންޓްގައެވެ.
އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމު ދިފާއު ކުރުމަށް މާލީ ހަނގުރާމަތައްވެސް އިއުލާންކުރި އެމެރިކާއަށް ބަލާއިރު މިއަހަރު އެގައުމުގެ އިގުތިސޯދު ކުރިއަރާނެ ކަމަށް ފިޗް ރޭޓިންގްސްއިން ލަފާކޮށްފައިވަނީ އެންމެ 1 ޕަސެންޓްއަށެވެ. އަދި މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެމެރިކާގެ ޖީޑީޕީ 0.5 ޕަސެންޓް ދަށަށް ދާނެ ކަމަށްވެސް މި ރިޕޯޓްގައިވަނީ ލަފާކޮށްފައެވެ.
ކޮވިޑް-19އާއިއެކު ސިއްހީ ދާއިރާގެ އިތުރުން ވިޔަފާރިއާއި އިގުތިސޯދީ އަދި މާލީ ދާއިރާތައް ސިއްސުވާލިއިރު، މި ބަލިމަޑުކަމުގައި ރާއްޖެއަށްވެސް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވަނީ ފާހަގަކުރައްވާފައެވެ.