ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، މުއްދަތެއް ނެތް ގޮތަށް އުރުދުންގައި 24 ގަޑިއިރުގެ ކާފިއު އިއުލާންކޮށްފިއެވެ.

ކުއްލި ހާލަތެއްގައި މެނުވީ ގައުމަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭ ގޮތަށް ބާރުދޭ މި ކާފިއުގެ އަމުރު އުރުދުންގައި އަމަލީ ގޮތުން ތަންފީޒު ކުރަން ފާށާނީ ޖީއެމްޓީ ގަޑިން ފަތިހު 05:00 ނުވަތަ އުރުދުން ގަޑިން ހެނދުނު 07:00 ގައި ކަމަށް އުރުދުން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޓީވީ މެދުވެރިކުރައްވާ ކާފިއު އިއުލާންކުރައްވަމުން އުރުދުން ސަރުކާރުގެ ތަރުޖަމާނު އަމްޖަދު އަދައިލީ ވިދާޅުވީ، މި އަމުރަކީ ވަކި އެއްޗެއް އަންގަންދެން ތަންފީޒުވެގެންދާނެ އަމުރެއް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ ކާފިއު އިއުލާންކޮށްފައިވަނީ ހުސްވި ހަފުތާގެ ކުރީކޮޅު އުރުދުންގައި އިއުލާންކުރި ކުއްލި ހާލަތުގެ އަމުރާ ގުޅިގެން ކަމަށާ، މިއާއެކު އަސްކަރިއްޔާގެ އެހީގައި ބާރު ހިންގުމާ، އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި އުރުދުންގެ އަސްކަރިއްޔާއިންވަނީ އެގައުމުގެ އެހެން ހިސާބުތަކުން އައިސް ނުވަދެވޭ ގޮތަށް ވެރިރަށް އައްމާން ބަންދުކޮށްފައެވެ. އަދި އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ދަތުރުފަތުރުކޮށް އުޅުން މަނާކޮށްފައިވާއިރު 10 މިލިއަނެއްހާ މީހުން މިހާރުވެސް ދިރިއުޅެމުންދަނީ ލޮކްޑައުން ހާލަތުގައެވެ.

ތަރުޖަމާނު ވިދާޅުވީ މުއްދަތެއް ނެތް ގޮތަށް 24 ގަޑިއިރުގެ ކާފިއު އިއުލާންކުރަންޖެހުނީ މިހާރު ތަންފީޒުކުރަމުންދާ ފިޔަވަޅުތަކަށް ކިޔަމަންވުމަށް ބައެއް ރައްޔިތުން އަދިވެސް ދެކޮޅު ހަދަމުންދާތީ ކަމަށާ، ކާފިއު އިއުލާން ކުރުމަށް މި އަމުރުތަކާ ހިލާފުވާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖަލަށް ލުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

އުރުދުން އިންވަނީ ސޫރިޔާ، އިރާގު، މިސްރު، ފަލަސްތީނު އަދި އިސްރާއީލާއެކު ހިއްސާކުރާ އެއްގަމާ ކަނޑުގެ ބޯޑަރުތައް ބަންދުކޮށް، އެގައުމަށް އަންނަ ފްލައިޓްތަކާ، އެގައުމުން ފުރާ ހުރިހާ ފްލައިޓެއްގެ އޮޕަރޭޝަންތައް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މެދުކަނޑާލާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން އެގައުމަށް ފެތުރިގެން ހިނގައިދާނެ ހާލަތަކަށް އުރުދުން އޮތީ ތައްޔާރުވެފައިކަމަށްވެސް ސަރުކާރުގެ ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އުރުދުންއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 85އަށް އަރައެވެ. މީގެ ތެރެއިން 1 ބަލިން ފަސޭހަވެފައިވާއިރު، އުރުދުންގައި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ލިސްޓުކޮށްފައިވަނީ ޖުމުލަ 84 ކޭހެއް ކަމަށް ބައިނަލްއަގުވާމީ ރެކޯޑްތަކުން ދައްކައެވެ.