ރާއްޖޭގެ ޑޮކްޓަރުންނަށް ކްރިޓިކަލް ކެއާ ޓްރެއިނިން ދޭން ނިންމައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު، ޑރ. މޫސާ ހުސެއިން ވިދާޅުވީ ކޮވިޑް-19ގައި ބަލިވާ މީހުންގެ ތެރެއިން ހާލުދެރަވާ 15 ވަރަކަށް ޕަސެންޓްގެ މީހުންނަށް ފަރުވާ ދިނުމަށް ކްރިޓިކަލް ކެއާ ބޭނުންވާ ކަމަށެވެ. އަދި މި މީހުންނަށް ފަރުވާ ދެވޭނީ ކްރިޓިކަލް ކެއާ ޓްރެއިނިންއާއެކު ވެންޓިިލޭޓާ ވެސް މެނޭޖް ކުރަން ދަންނަ މީހުން ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

ކްރިޓިކަލް ކެއާ ޓްރެއިނިން ލިބިފައިވާ މީހުން މުޅި ދުނިޔޭގައި ވެސް ފުދޭވަރަކަށް މަދު ކަން ފާހަގަ ކުރައްވާ ޑރ. މޫސަ ވިދާޅުވީ، އިޓަލީން ވެސް މިފަދަ ޓްރެއިނިން ހަދާފައިވާ މީހުން ނުލިބިގެން އުޅޭ ކަމަށެވެ. އަދި ރާއްޖޭގައި ހުރި ރިސޯސެސްތައް އެނެލައިޒް ކުރުމަށް ފަހު، ހުރިހާ ފަންތިއެއްގެވެސް ޑޮކްޓަރުން ކްރިޓިކަލް ކެއާ އަށް ޓްރެއިން ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުންދާ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

ޑރ. މޫސާ ވިދާޅުވީ، ކްރިޓިކަލް ކެއާ ޓްރެއިނިން ދިނުމުގެ ފުރަތަމަ ޕްލޭނިން އިއްޔެ އައިޖީއެމްއެޗުގައި ކޮށްފައިވާ ކަމަށާއި މިކަމުގައި ބައިވެރިވަނީ ކޮވިޑް-19އާ ގުޅިގެން ސައުތް އެފްރިކާއިން ރާއްޖެ އައިސްފައިވާ ކްރިޓިކަލް ކެއާ ސްޕެޝަލިސްޓަކާއި، ޔޫއެސް އިން އައިސްފައިވާ ނަރުހުން އަދި ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓާރުން ކަމަށެވެ. އަދި މި ހުރިހާ ފަރާތްތަކާއެކު ޕްލޭނެއް ހެދުމަށްފަހު މާދަމާ ޓްރެއިނިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. މޫސާ ވިދާޅުވީ، މި ޓްރެއިނިންގައި ރާއްޖޭގައި ހުރިހާ ޑޮކްޓަރުން ވެސް ބައިވެރިވުމަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ސައުތް އެފްރިކާއިން އިން އައި ކްރިޓިކަލް ކެއާ ސްޕެޝަލިސްޓާ ހަވާލާދީ ޑރ. މޫސާ ވިދާޅުވީ، ސައުތް އެފްރިކާގައި، ކޮވިޑް-19 ޖެހިގެން އަންނަ 55 އަހަރުގެ މީހާވެސް ފަރުވާ ނުދީ ދޫކޮށްލާ ކަމަށެވެ. އަދި އިޓަލީން ވެސް 80 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ޖެހުމުން ފަރުވާނުދީ ދޫކޮށްލާ ކަން ފާހަގަކުރައްވާ ޑރ. މޫސާ ވިދާޅުވީ، ރާއްޖޭގައި އެއްވެސް ބަލި މީހަކު ދޫނުކޮށްލާ، އެންމެނަށް ފަރުވާ ދިނުމަށް ބޭނުންވާ ކަމަށެވެ.

އަޅުގަނޑުމެން މިދެނީ ހޯޕްއެކޭ. ފޯލްސް ހޯޕްއެއް ނޫނޭ. އަޅުގަނޑުމެން އަތުގައި ކްރިޓިކަލް ކެއާގެ ހާއްސަ މީހުން އެވަރަށް ނެތްކަމުގައިވީ ނަމަވެސް، ހުރި ރިސޯސްއާ މީހުން ބޭނުންކޮށްގެން މިކަމަށް ތައްޔާރުވާނެ
ޑރ. މޫސާ

އެގޮތުން މިހާރު ޓެކްނިކަލް ޓީމުގެ އެންމެ ބޮޑު އެއް އަޒުމަކީ ރާއްޖޭގެ ހުރިހާ ޑޮކްޓަރުން ކްރިޓިކަލް ކެއާ އަށް ޓްރެއިން ކުރުން ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭރުން ކޮވިޑް-19 ޖެހިގެން އަންނަ މީހަކަށް އޮކްސިޖަން ދަށްވެއްޖަނަމަ، އެ ބައި މެނޭޖްކޮށް ވެންޓިލޭޓަރަށް ލާން ޖެހިއްޖެނަމަ، ވެންޓިލޭޓަރަށް ލައިގެން ވެސް މެނޭޖް ކުރަން އެނގޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހުރި މެކްސިމަމް ކެޕޭސިޓީ ބޭނުންކޮށްގެން މިކަމަށް ހުރިހާ ޑޮކްޓަރުން ތައްޔާރު ކުރާނެ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.