ކޮރޯނާވައިރަސް އާ ގުޅިގެން ޔުނިވާސަލް ރިސޯޓުތައް 3 މަސް ދުވަހަށް ހުއްޓާލާއިރު، ވިލާގެ ރިސޯޓުތައް ހުއްޓާލައި މުސާރަ ކުޑަކުރި ގޮތަށް މުސާރަ ކުޑަކުރަން ނިންމައިފިއެވެ.

ޔުނިވާސަލުން މިގޮތަށް ނިންމި ކަމަށް ބުނެފައިވަނީ ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރުމަނިކު ސޮއި ކުރައްވާ ނެރުއްވާފައިވާ ޕޮލިސީ ލިޔުމެއްގައެވެ. އިނގިރޭސި ބަހުން އޮތް އެ ލިޔުމުގައި، ކުންފުނީގެ މުސާރަތައް 380 ޑޮލަރަށް ވުރެ ކުޑަ ނުވާނެ ގޮތަށް ކުޑަކުރާނެ ކަމަށެވެ. އެގޮތުން މުސާރައިގެ ކެޕެއް ކަމުގައި ފާހަގަ ކޮށްފައިވަނީ 380 ޑޮލަރާއި 1600 ޑޮލަރާ ދެމެދެވެ.

ޔުނިވާސަލުން ނެރުނު ޕޮލިސީ ޕޭޕަރުގެ ކޮޕީއެއް

ޔުނިވާސަލްގެ މި ނިންމުން އާންމުވެފައިވާއިރު މާޗް 19، 2020 ގެ ތާރީހުގައި ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކޮރޯނާވައިރަސް (ކޮވިޑް19) އާ ގުޅިގެން ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތައް ބަންދު ކޮށް މުވައްޒަފުންނަށް ހާއްސަ ޕޭ ޕެކެޖަކާއެކު ޗުއްޓީ ދޭ ކަމަށެވެ.

ޔުނިވާސަލުން ނެރުނު ނޫސްބަޔާނުގެ ކޮޕީއެއް

ޔުނިވާސަލްގެ މި ނިންމުން އިއްޔެ ނޫސްތަކުން ޖާގަ ހޯދުމުން، ގިނަ ބަޔަކު ވަނީ ވިލާއިން އެކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ބޮޑުތަނުން ކުޑަ ކުރާއިރު ޔުނިވާސަލުން މުސާރަ ކުޑަ ނުކޮށް ހާއްސަ ޕޭ ޕެކެޖު ދޭކަމަށް ބުނެ، ވިލާއަށް އެއްޗެހި ކިޔާފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އެތައް އަސަރެއް ކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ މާލީ ބޮޑެތި ގެއްލުންތައް ވެފައެވެ. ރިސޯޓުތަކަށް ގެސްޓުން ނައުމާއެކު، ރާއްޖޭގެ އާންމުދަނީން 450 މިލިއަން ޑޮލަރު ގެއްލިގެން ދާނެ މިހާލަތުގައި ވިލާ ކުންފުންޏެކޭ އެއްގޮތަށް ޔުނިވާސަލަށްވެސް ގެއްލުންތައް ކުރިމަތިވާނެއެވެ.

އެ ގެއްލުންތަކުން އަރައިގަތުމަށް ހަރަދު ކުޑަކުރުމާއި މުސާރަތައް ކުޑަ ކުރުމުގެ އިތުރުން ބައެއް ކުންފުނިތަކުން މުވައްޒަފުން މަދު ކުރަމުންދާކަންވެސް ވަނީ އެނގިފައެވެ.