ރާއްޖޭގެ ޕޯޓްތަކުން 106 މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދީ ފޮނުވާލެވިފައިވާ ކަމަށް މަބްރޫކް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރުގޭގަިއ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގެ އެކި ޕޯޓްތަކުން ޖުމަލަ 106 މީހަކަށް ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދީ ފޮނުވާލެވިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ޕޯޓުތަކުން މިހާތަނަށް 240823 މީހުން ސްކްރީން ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މިދިޔަ މަހު ރާއްޖެއަށް އައި މީހުންގެ ތެރެއިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފުރުވާލައިފައި ވަނީ 106 ފަރާތެއް ކަމަށް މަބްރޫކް ވިދާލުވިއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ހަލުވިކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ދުވަސްވަރެއް ކަމުން ރާއްޖެއިން ބޭރަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރު ނުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. އަދި ދުނިޔޭގެ ކޮންމެ ގައުމަކުން ރާއްޖެ އަންނަ މީހަކަށް ވިޔަސް ހޯމް އައިސޮލޭޝަންގައި ބަހައްޓަން ވަނީ ނިންމާފައެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ އިރު، އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށާއި ރާއްޖޭގެ ހުރިހާ ސްކޫލްތައް ހުޅުވަން އިތުރު ހަފްތާއަކަށް ފަސްކުރާ ގޮތަށް ނިންމައިފައި ވާއިރު ޓިއުޝަން ކްލާސްތައް މެދުކަނޑާލަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފައެވެ.
މީގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކިން ކުރުން ހުއްޓާލަން އަންގާ، މިހާރު އެފަދަ ތަންތަނަށް ޗެކިން ވެފައި ތިބި މީހުން، އެމީހުންގެ ބުކިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިވެއެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 2 މީހަކު ވަނި ރަނގަޅު ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ.