މާލެއާއި ތިލަފުއްޓާ ގުޅުވާލައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ބްރިޖުގެ ސާވޭއަށް ބޭނުންވާ ބައެއް މެޝިނަރީތައް އިއްޔެ ރާއްޖެ ގެނެސްފިއެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ ސާވޭގެ މަސަައްކަތަށް ބޭނުންވާ ސެލްފް އެލެވޭޓިން ޕްލެޓްފޯމްއާއި އިތުރު ބައެއް ބަރު މެޝިނަރީތައް އިއްޔެ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި ސާވޭގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ބްރިޖުގެ ޑިޒައިނަށް ބޭނުންވާ "މެރިން ޖިއޯޓެކްނިކަލް ސާވޭ" އާއި "ލޭންޑް ޖިއޯ ޓެކްނިކަލް ސާވޭ"ގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ނެދަލޭންޑްސްގެ ފުގްރޯ ކުންފުންޏާއެެވެ. މި މަހުގެ ފަސް ވަނަ ދުވަހު އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 15 މިލިއަން ޑޮލަރަށް، މި މަހުގެ 15ގައި މަސައްކަތް ފަށައި ޖުލައި މަހުގެ ހަތްވަނަ ދުވަހަށް މަސައްކަތް ނިންމުމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދަން ނިންމާފައިވާ އެ މާލެއާއި ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލްތަކުގައިވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.