ސައުދީ އަރަބިއްޔާގެ މައްކާއާއި މަދީނާގައި ހުންނަ މުސްލިމުންގެ މާތްވެގެންވާ 2 މިސްކިތް ބަންދުކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މުގައްދަސް 2 މިސްކިތަށް ވަނުން މަނާކޮށް، އެ މިސްކިތްތަކުގައި ނަމާދު ކުރުންވެސް ވަނީ މަނާކޮށްފައެވެ.

ސައުދީ އަރަބިއްޔާއިންވަނީ މާތްވެގެންވާ މަސްޖިދު އަލް-ޙަރަމް ސެނިޓައިޒް ކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ އަދަދު އިތުރުކޮށްފަ/ފޮޓޯ: ސައުދީ ގެޒެޓް

މުސްލިމުންގެ ގިބްލަ ކަމަށްވާ ކައުބަތުﷲ ގެފުޅު ވަށައިގެންވާ މައްކާ މަސްޖިދު އަލް-ޙަރަމްއާއި، މަދީނާގައި ހުންނަ މަސްޖިދު އަލް-ނަބަވީ ބަންދުކުރި ކަން އިއުލާންކޮށް ދެ މިސްކިތުގެ ބެލެހެއްޓުންތެރި އޮފީހުން އާންމުކުރި ބަޔާނެއްގައި އެ އިދާރާގެ ތަރުޖަމާނު ހާނީ ބިން ހުސްނީ ހައިދަރު ވިދާޅުވީ، ދެ މިސްކިތުގެ ހަރިއްމައިގެ ބޭރުން އޮންނަ ސަރަހައްދުގައިވެސް ނަމާޑު ކުރުމުގެ ފުރުސަތު ނޯންނާނެކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ސައުދީއިން މަސްޖިދު އަލް-ނަބަވީގެ ދޮރުކޮޅު ބަންދުކުރަނީ/ފޮޓޯ: ޙަރަމައިން އިންފޯ | ޓްވިޓާ

ސައުދީއިން މީގެ ކުރިންވެސް ވަނީ ކައުބަތުﷲ ގެފުޅާ ކައިރި ސަރަހައްދުތަކުގައި ނަމާދު ނުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ.

ހައިދަރު ވިދާޅުވީ މަސްޖިދު އަލް-ޙަރަމްއާއި މަސްޖިދު އަލް-ނަބަވީގައި މިއަދުން ފަށައިގެން ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓުވުމަށް ސިއްހީ އަދި ސަލާމަތާ ބެހޭ އިދާރާތަކުން ނިންމާފައިވަނީ، ކޮވިޑް-19އިން ރައްކާތެރިވުމަށާ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ސައުދީއިން މަސްޖިދު އަލް-ނަބަވީގެ ދޮރުކޮޅު ބަންދުކުރަނީ/ފޮޓޯ: ޙަރަމައިން އިންފޯ | ޓްވިޓާ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީއިން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އަހަރެއްގެ މައްޗަށް އެވަރޭޖު ކޮށް 7 މިލިއަނެއްހާ މުސްލިމުން އަދާކުރާ އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއިން ނަގަންޖެހޭ ވިސާ ދިނުމުގެ މަސައްކަތްވެސް ސައުދީއިންވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ފްލައިޓްތައް ހުއްޓާލާފައިވާއިރު، ސްކޫލްތަކާ ޔުނިވާސިޓީތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން ސައުދީގައި އެންމެ ގިނައިން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާ ގާތިފު ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން ސައުދީއިން މަސްޖިދު އަލް-ނަބަވީގެ ދޮރުކޮޅު ބަންދުކުރަނީ/ފޮޓޯ: ޙަރަމައިން އިންފޯ | ޓްވިޓާ

ކޮވިޑް-19އާ ގުޅިގެން ސައުދީގެ ސަލްމާން ރަސްގެފާނުވެސް ވަނީ ބުރާސްފަތި ދުވަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ޓީވީ މެދުވެރިކުރައްވާ 5 މިނެޓެއްހާއިރު ވަންދެން ގައުމާ މުހާތަބުކުރައްވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ، މިވަގުތަކީ ތާރީހު ނުދެކޭ ވަރުގެ ދަތިކަމެއް ތަހައްމަލުކުރަމުން ވަގުތެއް ކަމަށާ، ނަމަވެސްމި ހިތްދަތިކަމާ ދަތި އުނދަގޫ ކަމަކީ ފިލާ ދާނެ ކަންކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީއިން ފިޔަވަޅުތަކެއް އަޅަމުންދާނެކަމަށްވެސް، އުމުރުފުޅުން 84 އަހަރުގެ ސަލްމާން ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާއިން 274 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 9 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. މި ބަލީގައި ސައުދީއިން އެއްވެސް މީހަކު މަރުވިކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.