މިވަގުތު އެންމެ މުހިންމުކަން ދޭންޖެހޭ ކަމަކީ، ވަރުގަދަ ފިޔަވަޅުތަކާއެކު ކޮވިޑް19 އިން ރާއްޖެ ސަލާމަތްކޮށް، މިބަލި ހުއްޓުވުން ކަމަށާއި، އަދި މިކާރިސާއިން އަރައިގަނެ، ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރާލަދިނުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ފަރާތުން އިންތިޒާމު ކުރި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން" ގައި ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިޔާ ރީޖަން ކޮމިޝަންގެ ޗެއާގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއިން މިބައްޔާ ކުރިމަތިލައި، މިބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަމުން ދާކަމަށެވެ. އަދި މިބައިނަލްއަގްވާމީ ކާރިސާއިން ސަލާމަތްވުމަށް އަމިއްލަ ވިޔަފާރިތަކާއި އިންޓަނޭޝަނަލް ކޮމިޔުނިޓީ އަދި އެކުވެރި ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އެހީތެރިކަމާއެކު ރާއްޖެއިން ދާދި އަވަހަށް މިކަމުން އަރައިގަނެ، ދުރުނޫން ކުރިމަގެއްގައި ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކިޔާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯ ގެ ސެކެޓްރީ ޖެނެރަލް ނޫރަބް ޕޮލޮލިކަޝްވިލި، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ، އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ކީތަކް ލިމް، އައިސީއޭއޯގެ ސެކްރެޓަރީ ޖެނެރަލް ފޭން ލިއު، ޔޫއެންޑައިބްލިއުޓީއޯ އެގްޒެކެޓިވް ކައުންސިލްގެ ޗެއާ ނަޖީބް ބަލާލާގެ އިތުރުން އެފްރިކާ ރީޖަނަލް ކޮމިޝަންގެ ޗެއާ ރޮނަލްޑް ޗޮޓޯޓެލާ، އެމެރިކާސް ރީޖަން ކޮމިޝަނުގެ ޗެއާ އަދި ޖަމައިކާގެ ޓޫރިޒަމް މިނިސްޓަރު ހެރީ ތިއޯހެރިސް އަދި މިޑްލް އީސްޓް ރީޖަން ކޮމިޝަންގެ ޗެއާ މުހައްމަދު ހާމިސް ބައިވެރިވެ ވަޑައިގެންނެވި އެވެ.