ކޮވިޑް-19 އާ ގުޅިގެން ބަލީގެ އަލާމްތަ ފެނިފައިވާ ފަރާތެއް ހުރި މައި ސްކައި ޔިޓް އޮތީ ކަރަންޓީންގެ ހާލަތުގައި ކަމަށާއި، ކޮވިޑް-19އަށް ޕޮޒިޓިވް ދެ ކޭސް ފެނުނު އައިލެންޑަ ސަފާރީ އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އައިލެންޑް ސަފާރީ ބޯޓު ވަނީ ވިލިވަރު ކައިރިއަށް ގެނެސްފައި ކަމަށާއި އެ ބޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

އެ ބޯޓު މޮނިޓަރިންގެ ހާލަތުގައި ބާއްވާ މައިގަނޑު ސަބަބެއް ކަމަށް މަބްރޫކް ވިދާޅުވީ، އެއީ ބޯތަކަށް ވެފައި ފަޅުތެރޭގައި އަޅާފައި އެ ބޮތު ހުސްކޮށް ނުބޭއްވޭނެތީ ކަމަށެވެ. އެހެންކަމުން އަބަދުވެސް އެބޯޓުން އައިސޮލޭޝަނަށް ގެނެވުނު ދެ ފަޅުވެރިން އެ ބޯޓުގައި ތިބޭ ގޮތަށް އައިލެނޑް ސަފާރީގެ ވެރިފަރާތާއެކު ވާހަކަ ދެކެވިގެން ވަނީ ހަމަޖެހިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މައި ސްކައި ޔޮޓް އިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ ފަރާތެއް ފެނިފައިވުމުން އެ ފަރާތްތަކުގެ ދެ ސާމްޕަލްވެސް ނެގެޓިވްވެ ނަތީޖާ ލިބުމާ ހަމައަށް އެ ޔޮޓް އޮތީ ކަރަންޓީންގެ ހާލަތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖޭގައި ޕޮޒިޓިވްވެފައި ވަނީ 13 ބިދޭސީންނެވެ. އޭގެ ތެރޭގައި އައިލެންޑް ސަފާރީން ދެ ބިދޭސީއެއްް ހިމެނެއެވެ. މައި ސްކައި ޔޮޓުން ދެ ބިދޭސީއެއް މި ބައްޔަށް ޝާއްކު ކުރެވިގެން ވަނީ ޓެސްތު ކުރުމަށް ސާމްޕަލް ނެގިފައެވެ.