ފިލިޕީންސްގައި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" އިއުލާންކޮށް، އެ ގައުމުގައި މަޑުކުރާ ބިދޭސީންނަށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ސަރުކާރުން ވަކި ކަންތައްތަކެއް މަނާކުރުމަށް އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ފިލިޕީންސްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިދިޔަ އަންގާރަ ދުވަހުގެ ރޭ 00:00 އިން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރޭ 00:00 އާ ހަމައަށް، އެ ގައުމުގައި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ގެ ހާލަތު ވަނީ އިއުލާންކޮށްފައި ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެ ގައުމުން ފުރާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކަށް އަންނަނިވި ކަންތައްތައް މަނާކުރަން ވަނީ ނިންމާފައެވެ.

1) މިހާރު އޮތް ވިސާ އެހެން ކެޓެގަރީއެއްގެ ވިސާ އަކަށް ބަދަލުކުރުން.

2) ފިލިޕީންސްގެ ރައްޔިތަކަށް ވުމަށްޓަކައި ސިޓިޒަންޝިޕް އެޕްލިކޭޝަނެއް ހުށަހެޅުން.

3) ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުން.

4) ހާއްސަ ވަރކް ޕާމިޓަކަށް އެދުން.

މީގެ އިތުރުން، "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ވިސާ ހަމަވެއްޖެނަމަ، "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތު ހަމަވުމުގެ ފަހުން، 30 ދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ވިސާގެ މުއްދަތު އިތުރުކުރަން ހުށަހެޅޭނެކަމަށް ވަނީ އަންގާފައި ކަމަށް ފޮރިން މިނސްޓްރީން ބުނެއެވެ.

އެހެންކަމުމް އެ މުއްދަތުގެ ތެރޭގައި ފިލިޕީންސްގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށާއި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓާ ކުރުމަށްވެސް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރަޖިސްޓާ ކުރުމަށް ފޮރިން މިނިސްޓްރީން އެދެއެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.