ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އޭގެތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްތައް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު، 6 ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގައި ކަމަށާއި އަދި އެ ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ.
"ޖުމްލަ 2 ބިލިއަން ރުފިޔާ އާއި ހަމައަށް ލޯން ދޫކުރެވޭނެ މި ފެސިލިޓީ މެދުވެރިކޮށް. ލޯނު ދޫކުރެވޭނީ ކުޑަ އިންޓަރެސްޓު ރޭޓެއްގަ. އެގޮތުން 6 އިންސައްތަ ތިން އަހަރުން އަނބުރާ ދައްކާ ގޮތުގަ ހަ މަސް ދުވަހުގެގެ ގްރޭސް ޕީރިއަޑެއް ލިބޭނެ. ޔަފާރިތަކަށް ވޯކިން ކެޕިޓަލްތައް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމާފައިވޭ" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑެތި އަސަރުތައް ކޮށް އެ ވިޔަފާރިތަކުގެ ކޭޝް ފްލޯ ވަރަށް ބޮޑަށް ދަށްވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖުގެ ސަބަބުން ވިޔަފާރިތަކަށް ދިރުން ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މިއާއެކުގައި މިނިސްޓަރު އަމީރް ވަނީ މުހިއްމު އިލްތިމާސްއެއް ވެސް ކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ވަނީ ސަރުކާރުން ދޭ އެހީ ވިޔަފާރިވެރިންނާއި އާންމު ފަރުދުން ވެސް ރަނގަޅު ގޮތުގައި ބޭނުންކޮށް ދިވެހިންގެ ވަޒީފާގެ އަދަދު މަދުނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ އެހީގެ ޕެކޭޖްގައި ބައިވެރިވާ ވިޔަފާރިތަކަށް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށް ޝަރުތު ކުރަން ޖެހޭނެ ކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވުމުގެ މައްސަލާގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޭރުގެ ލޯނު ފުދޭވަރަކަށް މަތީގައި ހުރި ކަމަށާއި އެ ލޯނުތައް ދެއްކުމުގައި ރީސްޓްރަކްޗާ ކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.